އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ހއ. ހޯރަފުށީގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ފެށުމަށް ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ދުނިޔޭގެ ވަރުގަދަ ކުންފުންޏަކާ އެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ ދެތިން ހަފުތާއެއްގެ ތެރޭގައި ދުނިޔޭގެ ޓޮޕް 10 ގައި ހިމެނޭ ކުންފުންޏަކުން މި ސަރަޙައްދުގައި ބަންކަރިންގެ ޚިދުމަތަށް ވަންނާނެ،“ – އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު
އަދި އެކަން އެ ހިސާބަށް ދިޔައީމާ ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި ނުވަތަ އެންމެ ލަސްވެގެން ޖުލައި މަސް ނިމުމުގެ ކުރިން އެ ވިޔަފާރި ފެށޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ފޮރިން ކަރަންސީ، ފޮރިން އެކްސްޗޭންޖަށް ވަރަށް ބޮޑު އީޖާބީ ދޮރެއް ހުޅުވިގެން އެ ދަނީ. އެހެންވިއްޔާ އިރާދަކުރެއްވިއްޔާ ޒަމާންތަކަކަށް ތި ބޭފުޅުން އިންތިޒާރު ކުރި މަސައްކަތް ފެށިގެން އެ ދަނީ. މި ތަނުން ދަތުރުކުރާ ބޯޓުފަހަރަށް ބަންކަރިން ޚިދުމަތް ދޭން ދެތިން މަސް އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތީ،“ – އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު
ސައީދު ވިދާޅުވި ގޮތުގައި ”މޯލްޑިވްސް ޑިވެލޮޕްމަންޓް ފްރީ ޒޯން“ ނަމުގައި ފްރީ ޒޯނެއް ހިންގާނެ ކުންފުންޏެއް ރަޖިސްޓްރީ ކުރެވި، ހޯރަފުށީގެ އިންޑަސްޓްރިއަލް ފަޅާއި އިހަވަންދިއްޕޮޅުގެ ކުރިމަތީގައި އޮތް އިންޑަސްޓްރިއަލް ފަޅު އެ ކުންފުނީގެ އެސެޓަށް ބަދަލުކޮށްދީފައިވާ ކަމުގައެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ސައީދު ވިދާޅުވިއިރު، މިދިޔަ ޑިސެމްބަރު މަހު އޭނާ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ބަންކަރިން ޚިދުމަތް ދިނުމަށް އެއްބަސްވުމެއް ވެފައި ވީނަމަވެސް، އެ މަޝްރޫޢު ކުރިއަށް ގެންދާނެ ގޮތާ މެދު ވަކި ގޮތެއް ސަރުކާރުން އަދި ނުނިންމާ ކަމަށެވެ.
ޞާލިހުގެ ސަރުކާރުން އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ޚިދުމަތް ދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުއެވެ. އެ މަޝްރޫޢުގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްޤީ ކުރާ ޕޯޓް ސިޓީގައި ތެލުގެ ޤައުމީ ސްޓްރެޓެޖިކް ރިޒާވެއް ހެދުމަށް ވަނީ ނިންމާފައެވެ.
ރާއްޖެ އޮންނަ ސަރަޙައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގުބޯޓު ދަތުރުކުރި ނަމަވެސް އެ ބޯޓުފަހަރަށް ޚިދުމަތްތައް ދެވޭނެ ގޮތްތަކެއް އެ ސަރަޙައްދުގައި ގާއިމުކުރެވިފައެއް ނުވެއެވެ.













