ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ 15 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ކުޑޫ) މާލެއާއި އަތޮޅުތަކާ ދެމެދު ގެންގުޅޭ ތަފާތުކުރުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ، ރާއްޖެތެރެއާއި މާލެއާ ދެމެދު އޮތް ތަފާތުކުރުންތައް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ވެސް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން މަޖިލީހުގެ މެންބަރުން އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބަށް ބަލާއިރު، މާލޭގެ ދާއިރާތަކުގެ މެންބަރުން ތިއްބަވަނީ ކުރީ ބަރީގައި ކަމަށާއި، ރާއްޖެތެރޭގެ އަތޮޅުތަކަށް ނިސްބަތްވާ މެންބަރުން ތިއްބަވަނީ ފަހަތު ބަރީގައި ކަން އޭނާ ފާހަގަކުރެއްވިއެވެ.
”މި މަޖިލީހުގައި އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ މި މާލޭ މީހުން (މެންބަރުން) ކުރީ ގޮނޑިބަރީގައި މިތިބެނީ މިއީ ކޮން އުސޫލަކުން ކަމެއް. އަޅުގަނޑު ގަބޫލުކުރާ ގޮތަކަށް ނޫން ހުރިހާ ކަމެއް ހިނގާނީކީއެއް. މިއީ ވެސް އެއް މިސާލު،“ މެންބަރު ވިދާޅުވިއެވެ.
އަތޮޅުތަކުގެ ރައްޔިތުންނާ މެދު އިހުމާލުވާ މައްސަލައަށް އިޝާރާތް ކުރައްވައި މެންބަރު އިތުރަށް ވިދާޅުވީ، އައްޑޫ އަތޮޅާއި ހުވަދޫ އަތޮޅު ފަދަ އަތޮޅުތަކުގެ ރައްޔިތުން މުހިންމުވަނީ ހަމައެކަނި ވޯޓުލާން ޖެހޭ ވަގުތުގައެވެ. ވޯޓުލާން ވީމާ އެ މީހުން ފެންނަ ކަމަށާއި، ނަމަވެސް އެ ނޫން ވަގުތުތަކުގައި އެކަށީގެންވާ ސަމާލުކަމެއް ނުލިބޭކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިބްރާހިމް މުހައްމަދު ވިދާޅުވީ އަތޮޅު ކައުންސިލްތަކަކީ އޮންނަންޖެހޭނެ މުއައްސަސާތަކެއް ކަމަށެވެ. އަދި މާލެއާއި އަތޮޅުތަކާ ދެމެދު އޮތް ފަރަގު ކުޑަކޮށް، ހަމަހަމަކަން ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ޖަލްސާގައި މެންބަރު ވަނީ ދައުލަތުގެ އެކި މުއައްސަސާތަކުންނާއި މަޖިލީހުގެ ތެރެއިން ވެސް މިފަދަ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލައްވާފައެވެ.












