ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ކުއްލި ގޮތަކަށް އޯޕެކް ޕްލަސް އިން ވަކިވުމާ ގުޅިގެން އުފެދުނު ސިހުމަށްފަހު، އެ އިއްތިހާދުގެ ބަދަހިކަން ދެއްކުމުގެ މަޤްޞަދުގައި ސައުދީ އަރަބިއްޔާ، ރަޝިޔާ އަދި އޯޕެކް ޕްލަސްގެ އިތުރު ފަސް ޤައުމަކުން ތެޔޮ އުފައްދާ މިންވަރު އާދިއްތަ ދުވަހު އިތުރުކޮށްފިއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އަންނަ ލޮޅުންތަކާ ގުޅިގެން، ތެޔޮ އުފައްދާ މައިގަނޑު ހަތް ޤައުމަކުން ޖޫން މަހުގެ ތެލުގެ ކޯޓާއަށް ދުވާލަކު 188000 ފީފާ އިތުރުކުރާނެއެވެ. އޯޕެކް ޕްލަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ނިންމުމަކީ ”ތެލުގެ ބާޒާރުގެ ހަމަޖެހުން ދެމެހެއްޓުމަށް އެ ޤައުމުތަކުން ގުޅިގެން ވެފައިވާ ކޮމިޓްމެންޓުގެ“ ދަށުން ނިންމި ނިންމުމެކެވެ.
ނަމަވެސް އިޤްތިޞާދީ މާހިރުން ލަފާކުރާ ގޮތުގައި ތެޔޮ އުފައްދާ މިންވަރު އިތުރުވަމުންދާކަމަށް ދެއްކި ނަމަވެސް، ހޯރްމޫޒް ކަނޑުއޮޅީގެ ދަތިތަކާ ހުރެ، ބާޒާރަށް ފޯރުކޮށްދޭ ތެލުގެ މިންވަރަށް ކުރާ އަސަރު ވަރަށް ކުޑަވާނެއެވެ.













