މި ސަރުކާރުން ފުރަތަމަ 14 ހަފުތާއަށް ކަނޑައަޅާފައިވާ ވަޢުދުތަކުގެ ތެރެއިން 150 ވަޢުދު ފުއްދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ”އަހާ“ ގެ ދެވަނަ ފޯރަމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވެފައި ވަނީ ވެރިކަމަށް 14 ހަފުތާވުމަށް އަދި ހަފުތާއެއްހާ ދުވަސް އެބައޮތް ކަމަށެވެ. މިހާތަނަށް އައިއިރު 14 ހަފުތާއަށް ކަނޑައެޅި ވަޢުދުތަކުގެ ތެރެއިން 150 ވަޢުދު ފުރިހަމަ ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ހަފުތާ 14 ގައި ހިމެނޭ 161 ވަޢުދުގެ ތެރެއިން 150 ވަޢުދުގެ 100 އިންސައްތަ ހާސިލުކުރެވިފައިވާ ކަމުގައެވެ. އަދި ބާކީ ހުރި ވަޢުދުތަކުގެ 80 އިންސައްތައަށް ވުރެ މައްޗަށް ހާސިލުކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.












