މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު މުބީން މިއަދު އައްޔަންކުރައްވައިފިއެވެ.
މިކަން ހާމަކޮށް އެމްޓީސީސީން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުންނާއި މުޅި ޓީމުގެ ފަރާތުން އައު ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުބީނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ.
އެމްޓީސީސީން އިތުރަށް ބުނެފައިވާ ގޮތުގައި، މުބީންގެ ލީޑަރޝިޕްގެ ދަށުންނާއި އޭނާގެ ހަރުދަނާ އިސްތިރާޖީ ތަޞައްވުރުގެ ސަބަބުން، އެ ކުންފުނި އިތުރު ކާމިޔާބީތަކަކާ ދިމާލަށް މިސްރާބުޖަހައި، އައު އުސްމިންތަކަކަށް ވާޞިލުވާނެ ކަމަށް އެ ކުންފުނިން ފުރިހަމައަށް އިތުބާރު ކުރެއެވެ.
އަޙްމަދު މުބީން މި މަގާމަށް އައްޔަންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މުބީން ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައި، ސިޔާސީ އަދި އިދާރީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައެވެ.












