Sunday, 26 July 2026

Ads by

ފައްޔާޒްގެ މަސްލަހަތު އޮންނަ ބިގަށް ދިން އެތައް މިލިއަން ރުފިޔާއެއްގެ ”ބޮޑު ބަދަލު“ ޑޭލައިޓް ރޮބަރީއެއް!

އެކި ގްރެފިކްސް: ރާއިޤް

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކަކީ އަބަދުވެސް އާންމުންގެ ފާޑުކިޔުމާއި ސުވާލުތައް އަމާޒުވާ ކަންކަމެވެ. ހާއްސަކޮށް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ މަޝްރޫއުތަކުގައި ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތުތައް ކުރެވުމަކީ ދިވެހި ސިޔާސީ މަސްރަހުގައި އާ ކަމެއް ނޫނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދުވަސްވަރު، އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލްގެ އާއިލީ މަސްލަހަތު އޮންނަ ކަމަށް ބުނާ ”ބިގް“ (ބިޒްނަސް އިމޭޖް ގްރޫޕް) ކުންފުންޏާއި ދައުލަތުން ދިން ބައެއް މަޝްރޫއުތަކާއި ”ބޮޑުބަދަލު“ ތަކަކީ، އެންމެންގެ ލޯކުރިމަތީގައި ހިންގި ފިތްކަނޑައިގެންދާވަރުގެ ބޮޑު ”ކޮރަޕްޝަން“ގެ އަމަލެކެވެ.

ޕޮލިސް ސްޓޭޝަން އެޅުމުގެ ޕްރޮޖެކްޓާއި އުފެދުނު ސުވާލުތައް

މި މައްސަލައިގެ އެންމެ މުހިންމު އެއް ބަޔަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޮލިސް ސްޓޭޝަންތައް އެޅުމަށް އިންޑިއާގެ ’އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓް‘ ކުންފުންޏާ ހަވާލުކުރި މަޝްރޫއުއެވެ. މިއީ 2019 ވަނަ އަހަރު އިއުލާންކުރި އަދި 2021 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމެކެވެ. މި މަޝްރޫޢުގެ ދަށުން 61 ޕޮލިސް ސްޓޭޝަން އެޅުމަށް ހަމަޖެހިފައިވީ ނަމަވެސް، މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށިފައި ނުވާކަމަށް މިހާރުގެ ސަރުކާރުން ބުނެފައިވެއެވެ. މި މަޝްރޫޢަށް ދައުލަތުން ވަނީ 3.6 މިލިއަން އެމެރިކާ ޑޮލަރުގެ އެޑްވާންސް ފައިސާ ދީފައެވެ. ނަމަވެސް، މަސައްކަތް ނުފެށި ދިގުލައިގެން ދިއުމާ ގުޅިގެން، އެ ފައިސާ ބޭނުންކުރި ގޮތާމެދު ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

މި މަޝްރޫޢާ ގުޅިގެން އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވަނީ، މި މަޝްރޫޢުގެ ތެރެއިން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ކުރީގެ މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އާއިލީ މަސްލަހަތު އޮންނަ ”ބިގް“ ކުންފުންޏަށް މަންފާ ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގައި ހާމަކުރެއްވި ގޮތުގައި، ޕޮލިސް ސްޓޭޝަން މަޝްރޫޢުގެ ފައިސާ އިންދިރާ ޕްރޮޖެކްޓްސް ކުންފުނިން ބޭނުންކޮށްފައިވަނީ އެ ކުންފުނިން ”ބިގް“ ކުންފުނީގެ ހިއްސާ ގަނެ، މާލޭގައި ހުންނަ ”މޫނިމާގެ“ މަރާމާތު ކުރުމަށެވެ. މިއީ ޕްރޮޖެކްޓުގެ މަގްސަދާ ހިލާފު ކަމެއް ކަމަށް ސަރުކާރުން ސިފަކުރެއެވެ. މޫނިމާގެއަކީ ބިގް ކުންފުނިން ބީއެމްއެލްއިން ނަގާފައިވާ ލޯނެއް ނުދެއްކުމުން ވިއްކާލުމަށް ސިވިލް ކޯޓުން ހުއްދަ ދީފައިވާ ގެއެކެވެ.

މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) މައްސަލައިގައި ބިގަށް ދިން ބޮޑު ”ބަދަލު“

ޕީއެސްއެމުން އެ ފައިސާ ބިގަށް ދިނީ ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އާއި ބިގާ އެކު ވެފައި އޮތް އެއްބަސްވުމަކާ ގުޅިގެންނެވެ. ބިގް ކުންފުންޏަށް ”ބޮޑު ބަދަލު“ 78.5 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށް 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކޮށްފައިވާއިރު، އެ ފައިސާ ބިގަށް ދޫކުރުމުގެ މަސައްކަތް ފެށީ ރައީސް ސޯލިހުގެ ސަރުކާރުގައެވެ. އެގޮތުން އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ބިގް ކުންފުންޏަށް ވެރިކަމުގެ ދައުރުގެ ތެރޭގައި ދޫކުރިއެވެ. ނަމަވެސް، ފަހުން 2024 ވަނަ އަހަރުގެ މާޗު މަހު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފައެވެ. ބިގަށް ފައިސާ ދޫކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސީދާ ނުފޫޒު ފޯރުވިކަމަށްވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.

ބިގްގެ ހިއްސާދާރުންނާއި ފައްޔާޒާ އޮތް ގުޅުންތައް

ބިގް ކުންފުންޏަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކުރިން ހިއްސާވެ، ހިންގުމުގައި އިސްކޮށް އުޅުއްވި ކުންފުންޏެކެވެ. ފައްޔާޒް ވަނީ 2015 ވަނަ އަހަރު އެ ކުންފުނީގެ ބޯޑުންނާއި ހިއްސާދާރުކަމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް، އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ފައްޔާޒްގެ އާއިލީ ބޭފުޅެއް ކަމަށްވާ ހަސަން އިސްމާއީލް ހިމެނެއެވެ. މި އާއިލީ ގުޅުމުގެ ސަބަބުން، ސަރުކާރުން ބިގް ކުންފުންޏަށް ފައިސާ ދޫކުރުމުގައި މިނިސްޓަރުގެ ނުފޫޒު އޮތްކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރިއެވެ.

ބިގަށް ދައުލަތުން ”ބޮޑު ބަދަލެއް“ ދިނުމުން، ރައްޔިތުންގެ މަޖިލީހުގައި ފައްޔާޒް އިސްމާއީލަށް އަމާޒުވި ސުވާލުކުގެ ޖަވާބުގައި އޭނާ ވަނީ ބިގަށް ފައިސާ ދޫކުރުމުގައި އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި، އޭނާ ކުންފުނިން ވަކިވީ ސިޔާސީ މަސައްކަތްތަކާ ހެދި ކުންފުންޏަށް ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަށް އެ ކުންފުނީގެ އެތެރޭގެ ކަންކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭރު ވިދާޅުވިއެވެ.

ދައުލަތުގެ މަޝްރޫޢުތަކާއި ހާމަކަން ބޮޑު ނިޒާމެއްގެ މުހިންމުކަން

މި މައްސަލައަކީ ހަމައެކަނި ވަކި ކުންފުންޏަކާ ގުޅޭ މައްސަލައެއް ނޫނެވެ. މިއީ ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތަކުގެ ހާމަކަން ބޮޑުކުރުމާއި، މަޝްރޫޢުތައް ހަވާލުކުރުމުގެ އުސޫލުތައް ހަރުދަނާ ކުރުމުގެ މުހިންމުކަން ހާމަކޮށްދޭ މައްސަލައެކެވެ. ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫޢުތަކުގައި ބައިނަލްއަޤްވާމީ ކުންފުނިތަކާއި ދިވެހި ކުންފުނިތައް ގުޅިގެން މަސައްކަތްކުރާއިރު، އެފަދަ ކުންފުނިތަކުގެ މަސްލަހަތު އޮންނަ ފަރާތްތައް ފާޅުކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް، ގިނަ ފަހަރަށް މިފަދަ މަޝްރޫޢުތަކުގައި ”ބެނިފިޝަލް އޯނާޝިޕް“ ނުވަތަ ފައިދާ ލިބޭ ފަރާތްތައް ދެނެގަތުމުގައި ދަތިތަކެއް ހުރެއެވެ.

ދިވެހިރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމުގެ ޤާނޫނުތަކާއި، ބީލަންތައް ހިންގުމުގެ އުސޫލުތައް ހުރި ނަމަވެސް، ތަންފީޒީ އިދާރާތަކުގެ މަސައްކަތްތަކުގައި ލަސްކަމާއި ފަސްޖެހުން ހުންނަކަމަށް އާންމުން ދެކެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ދައުލަތުން ގެއްލުނު ފައިސާއާއި، އޭގެ ބަދަލުގައި ދިން ކޮމްޕެންސޭޝަންތަކަކީ ވެސް މި ހިސާބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެންކަމުން، މިފަދަ ކޮންމެ މައްސަލައަކީ ވެސް ރާއްޖޭގެ ޑިމޮކްރެސީއާއި އިޤްތިޞާދީ ހަމަޖެހުމަށްޓަކައި ނުހަނު ފަރުވާތެރިކަމާއެކު ބަލަންޖެހޭ މައްސަލަތަކެކެވެ.

އެންމެ ފަހުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަޖިލީހުގެ ކޮމިޓީތަކުން މި މައްސަލަ ބެލުމަށް ނިންމާފައިވީ ނަމަވެސް، މި މައްސަލައިގެ ހަގީގަތް ހާމަވާނީ ފުލުހުންނާއި އޭސީސީގެ ތަހުގީގުތަކުންނެވެ. މިފަދަ މައްސަލަތަކުގެ ނަތީޖާއިން ޤައުމުގެ އިތުބާރު އިއާދަކުރުމަށް މަގުފަހިވާނެއެވެ. ރައްޔިތުންގެ ޓެކްސް ފައިސާއަކީ އަމާނާތެއް ކަމަށް ވާއިރު، އެ ފައިސާ ޚަރަދުކުރެވޭ ގޮތާމެދު ސުވާލު އުފެދޭ ހިނދު، އެކަމުގެ ޖަވާބުދާރީވުމަކީ ވެރިކަމުގައި ތިބޭ ފަރާތްތަކާއި އެކަމުގައި ޝާމިލުވާ ފަރާތްތަކުގެ ޒިންމާއެކެވެ. އަދި މިފަދަ ކަންކަމުގެ ތަޙުޤީޤުތައް އަވަސްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމަކީ އަސްލު ރައްޔިތުން މި ބޭނުންވާ ”ބޮޑު ބަދަލު“ ކަމަށް ބުނެވިދާނެއެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ްމުހައްމަދު އިބްރާހިމް ދީދީ
ްމުހައްމަދު އިބްރާހިމް ދީދީ
2 މަސް ކުރިން

ތިކަހަލަ ކިތަށް ކަންތައްހިގާފައޮންނާނެތޯ އަޅުގަޑުގެހިތުގަ އެތައްސުވާލެއްއުފެދިގެން އެބަދެއެވެ އާދަޔާ ޙޮލާފައްބަގްލާދޭޝް މީހުން އެތެރެކުރުން ކޯޓާ ޕްރައިވެޓް ކުންފުނި ތަކަށްދޫކުރުން ބޮޑެތިޕްރޮޖެކްޓްތައް އާއިލީ ކުންފުންޏަކައްދިނުން މީހައްތާވެސް ކޮރޮޕްސަނައްމިގުފަހިވާ ކަންތައް އރހެނއވީމަ ފައްޔާޒު ކޮރޮޕްޝަނުގެ ކިހާފައިސާއެއްބޭނުން ކޮއްފަ ހުންނާނެތޯއެވެ މިއަންނަ ރިޔާސީ އިންތިހާބުގެ ކުރިން އޭނަގެ މަސްއަލަ ބަލައިފިޔަވަޅުއެޅުމަށް ހަރުއަޑުން ސަރުކާރަށް އަޅުގަޑު ގޮވާލަން