އެސްޓީއޯ ގްރޫޕަށް މިދިޔަ 2025 ވަނަ އަހަރު 16.7 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.
އެސްޓީއޯއިން އާންމުކޮށްފައިވާ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މިއީ އޭގެ ކުރީ އަހަރަށްވުރެ 0.5 ޕަސެންޓް ދަށް އަދަދެކެވެ. 2024 ވަނަ އަހަރު އެ ކުންފުންޏަށް ލިބިފައިވަނީ 16.8 ބިލިއަން ރުފިޔާގެ ފައިދާއެކެވެ. އެސްޓީއޯއިން ބުނެފައިވާ ގޮތުގައި، ކުންފުނީގެ ޖުމުލަ އާމްދަނީ ދަށްވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި ގުޅިގެން ޝިޕިން ވިޔަފާރިއަށް ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން ކަމަށެވެ. ތެލުގެ އާމްދަނީ ދަށްވި ނަމަވެސް ތެޔޮ ވިކުނު އަދަދު ވަނީ އަށް އިންސައްތަ އިތުރުވެފައެވެ.
އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީއަށް ބަދަލުތަކެއް އައި ނަމަވެސް، އެ ކުންފުނީގެ ވަކިވަކި ހިސާބުތަކަށް ބަލާއިރު އާމްދަނީ އާއި ސާފު ފައިދާއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން ނިމިދިޔަ 2025 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 785 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅައިބަލާއިރު ދެ އިންސައްތައިގެ ކުރިއެރުމެކެވެ. 2024 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 772 މިލިއަން ރުފިޔާއެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެސްޓީއޯގެ ހިންގުމުގެ ފައިދާއަށް ވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، ކުންފުނީގެ ހިންގުމުގެ ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ކުންފުނި ހިންގުމުގެ ފައިދާއަށް ވަނީ 1.2 ބިލިއަން ރުފިޔާ ލިބިފައެވެ.
އިދާރީ ހިންގުމުގެ ހަރަދުތަކަށް ބަލާއިރު، މިދިޔަ އަހަރު އެސްޓީއޯ ގްރޫޕުން 945 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރާއި އަޅައިބަލާއިރު ގާތްގަނޑަކަށް 45 މިލިއަން ރުފިޔާ އިތުރުވުމެކެވެ. ގްރޫޕްގެ އިތުރުން، އެސްޓީއޯގެ އިދާރީ ހަރަދުތަކަށް ވަނީ 38 މިލިއަން ރުފިޔާ އިތުރުވެފައެވެ. އެ ކުންފުނީގެ އިދާރީ ހަރަދުތަކަށް މިދިޔަ އަހަރު ޖުމްލަ 629 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.













