Sunday, 26 July 2026

Ads by

ޓިކްޓޮކްގައި މީހުންގެ އާއިލާއާއި އަބުރާބެހި ލޭ ހުއްދަކުރާ ހިސާބަށް، ފިޔަވަޅު އަޅާކަށް ނުވޭތަ؟

މިއަދުގެ ޒަމާނަކީ ޓެކްނޮލޮޖީގެ ގޮތުން ނުހަނު ބޮޑަށް ކުރިއަރާފައިވާ ޒަމާނެކެވެ. މީސްމީޑިއާގެ އެކިއެކި ވަސީލަތްތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވަރަށް މުހިންމު ބަޔަކަށް ވަނީ ވެފައެވެ. އާއިލާ މީހުންނާއި ރައްޓެހިންނާ ގުޅުން ބަދަހިކުރުމަށާއި، މަޢުލޫމާތު ބަދަލުކުރުމަށާއި، އަދި މުނިފޫހިފިލުވުމަށް މީސްމީޑިއާގެ މަންސަތައް ބޭނުންކުރަމުން ދިއުމަކީ މިހާރު ދިވެހި މުޖުތަމަޢުގައި އާންމު ކަމެކެވެ. ނަމަވެސް، މި ޓެކްނޮލޮޖީގެ ބޭނުން ނުބައި ގޮތުގައި ހިފާ މީހުންގެ ސަބަބުން، މީސްމީޑިއާގެ ބައެއް މަންސަތައް މިވަނީ ނުރައްކާތެރި ހަތިޔާރަކަށް ބަދަލުވެފައެވެ. ޚާއްޞަކޮށް ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ދިވެހިންގެ ތެރެއިން ބަޔަކު ކުރަމުންދާ ބޭއަދަބީ ޢަމަލުތަކުގެ ސަބަބުން މުޅި ދިވެހި މުޖުތަމަޢު މިވަނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.

ޓިކްޓޮކް ލައިވްތަކަކީ ފަހަކަށް އައިސް ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް މަޤުބޫލުވެފައިވާ ކަމެކެވެ. ގިނަ ބަޔަކު އެއްތަނަކުން ބައްދަލުވެ، ޚިޔާލު ފާޅުކޮށް، މަޖާކޮށްލުމުގެ ނިޔަތުގައި ފެށި މި ލައިވްތައް މިއަދު މިވަނީ މީސްމީހުންގެ އަބުރު ކަތިލައި، ނަފްސާނީ ގޮތުން މީހުންނަށް އަނިޔާދޭ މައިދާނަކަށް ވެފައެވެ. ދިވެހި ބައެއް ހޯސްޓުން ޓިކްޓޮކްގައި ކުރާ ލައިވްތަކުގައި، އެހެން މީހުންނަށް ބުލީކޮށް، އެމީހުންގެ ޒާތީ ދިރިއުޅުމާ ބެހި، ހަޑިހުތުރު ބަސްތައް ބޭނުންކުރުން މިވަނީ އާދަޔަކަށް ހަދާފައެވެ. މިކަމުގެ ސަބަބުން، މީސްމީޑިއާ ބޭނުންކުރާ ގިނަ ބަޔަކަށް، ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންނަށް، މީގެ ނޭދެވޭ އަސަރުތައް ދަނީ ފޯރަމުންނެވެ.

ބުލީކުރުމާއި ފުރައްސާރަކުރުމަކީ އެއްވެސް މުޖުތަމަޢެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި، އެކަކު އަނެކަކަށް އިޙުތިރާމް ކުރުމާއި، އަނެކާގެ އަބުރު ރައްކާތެރިކުރުމަކީ ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވެސް އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. މާތް الله ސުބްޙާނަހޫ ވަތަޢާލާ އަދި އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މީސްތަކުންގެ އަބުރާ ބެހުމާއި، ދޮގު އިލްޒާމްތައް އެޅުވުމާއި، ހުތުރު ބަސްތަކުން މުޢާމަލާތްކުރުން ހަރުކަށި އިބާރާތުން ނަހީކުރައްވާފައެވެ. އެހެންނަމަވެސް، ޓިކްޓޮކް ލައިވްތަކުން މިއަދު ފެންނަމުންދަނީ މި މަތިވެރި އުޞޫލުތަކާ މުޅިން ޚިލާފަށް ބަޔަކު ޢަމަލުކުރަމުންދާ ހިތާމަހުރި މަންޒަރެވެ.

މި ރިޕޯޓުގައި އަލިއަޅުވާލާނީ ޓިކްޓޮކްގައި ދިވެހި ހޯސްޓުން ހިންގަމުންދާ މި ނުރައްކާތެރި ޢަމަލުތަކަށާއި، އޭގެ ސަބަބުން މުޖުތަމަޢަށާއި ވަކިވަކި ފަރުދުންނަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށެވެ. އަދި ހަމައެހެންމެ، މިކަމުގައި ޝާމިލުވާ ފަރާތްތަކުގެ މިސާލުތަކާއި، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުމުގެ މައްސަލަތަކާއި، މިފަދަ ޢަމަލުތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް ވެސް މި ރިޕޯޓުގައި ބަލައިލެވޭނެއެވެ. މިއީ މުޅި މުޖުތަމަޢުގެ ސަމާލުކަން ގެންނަންޖެހިފައިވާ، އަދި ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ނުހަނު ސީރިއަސް މައްސަލައެކެވެ.

ރޭޑިއޯ އާއި، ފޭޒު، މަމްދޫހާ، އަދި ޝެހޭގެ ލައިވްތަކުގެ ބޭއަދަބީކަން

ޓިކްޓޮކްގައި ދިވެހިންގެ ތެރެއިން ބައެއް މީހުން ހިންގާ މިފަދަ ހުތުރު ޢަމަލުތަކުގެ ވާހަކަ ދައްކާއިރު، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ބައެއް ނަންތައް އެބަހުއްޓެވެ. މީގެ ތެރޭގައި ޓިކްޓޮކްގައި ރޭޑިއޯގެ ނަމުން މަޝްހޫރުވެފައިވާ އައިޑީ އަކާ އޭނާގެ ބެސްޓީ ޝެހޭ އަދި ފޭޒު ފަދަ މީހުން ހިމެނެއެވެ.

މި މީހުންގެ އިތުރުން މިގޮތަށް ކުރިއަށްދާ ލައިވްތަކަކީ މީގެ އެންމެ ހިތާމަހުރި އެއް މިސާލެވެ. މި ލައިވްތަކަށް ވަދެ ބަލާލުމުން ފެންނަނީ، އަދި އިވޭނީ ކަންފަތަށް އަޑުއަހަން އުނދަގޫ ފަދަ ބަސްތަކެވެ. އެއްވެސް ޖެހިލުމެއް ނެތި، އާންމު މަންސައެއްގައި ހަޑިހުތުރު ބަހުން އެއްޗެހި ކިޔުމާއި، މީހުންނަށް މަލާމާތްކުރުން، މީހުންގެ އަބުރުކަތިލުން މި ލައިވްތަކުގައި ވަނީ އާދަޔަކަށް ވެފައެވެ.

މި ލައިވްތަކުގައި އެންމެ ކަންބޮޑުވާންޖެހޭ އެއް ކަމަކީ، އެހެން މީހުންގެ މައިންބަފައިންނާއި ދަރިންނަށާއި، ބައްޕައިންނަށް ނިސްބަތްކޮށް ހިތުހުރި އެއްޗެއް ކިޔުމެވެ. މީހަކާ ޒާތީ ގޮތުން ޖެހޭ މައްސަލައެއްގައި، އެމީހެއްގެ މައިންބަފައިންނަކީ ކޮބައިކަން ވެސް ނޭނގި، އެ މައިންބަފައިންނަށް ނިސްބަތްކޮށް ހަޑިހުތުރު ބަސްތައް ބޭނުންކޮށް ފުރައްސާރަކުރުމަކީ އިންސާނިއްޔަތުކަމުގެ ކުޑަވެސް މިންވަރެއް ހުރި މީހަކު ކުރާނެ ކަމެއް ނޫނެވެ. މައިންބަފައިންނަކީ ކޮންމެ މީހަކަށް ވެސް އެންމެ މުހިންމު އަދި އެންމެ ޤަދަރުވެރި ފަރާތްކަމަށް ވާއިރު، އެފަރާތްތަކަށް ޢާންމުކޮށް ހުޅުވިފައިވާ ޕްލެޓްފޯމެއްގައި އެއްޗެހި ކިޔުމަކީ އަނެކާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.

މީގެ އިތުރުން، މި ފަރާތްތަކުގެ ލައިވްތަކުގައި މީސްމީހުންގެ ބޮލުގައި އެއްވެސް އަސްލެއް ނެތް ދޮގު އިލްޒާމްތައް އެޅުވުން ވެސް ވަނީ އާންމު ކަމަކަށް ވެފައެވެ. މީހެއްގެ އަބުރު ކަތިލުމަށްޓަކައި، އެމީހަކު ނުކުރާ ކަންތައްތަކެއް ކުރިކަމަށް ބުނެ، ދޮގު ވާހަކަތައް ފަތުރައި، މީހުންގެ މެދުގައި ފިތުނަ އުފެއްދުމަކީ މި ލައިވްތަކުގެ މައިގަނޑު އެއް މަޤުޞަދު ކަމުގައި ވަނީ ވެފައެވެ.

އެކަކުގެ މައިގަނޑު ކަމަކަށް އޮންނަނީ ހައްސާސް ކަންކަން (އިދާރާތަކުންވެސް ސިއްރު ހިފަހައްޓަންޖެހޭ) ބައެއް ކަހަލަ މައްސަލަތައް ނުވަތަ ކޭސްތައް ހިފައިގެންގޮސް ޓިކްޓޮކް ބޮޑު ފެންޑާއަށް އެރުމެވެ. ދެނަކާ ދެނެއްނުބަލާ ސަމާލުކަން ހޯދުމަށް ހިތުހުރި ވާހަކަތަކެއް ދައްކަނީއެވެ. ޖިންސީގޯނާގެ މައްސަލައެއްވިޔަސް، ޚާއްސައެހީއަށް ބޭނުންވާ މީހެއްގެ މައްސަލަވިޔަސް ވަރިހަމައެވެ. މިފަދަ ހައްސާސް މައްސަލަތަކުގެ ވާހަކަ މައުލޫމާތުގެ ސައްހަކަން ކަށަވަރުނުކޮށް ފަތުރައިގެން ނުވާނެއެވެ. އިދާރާތަކުން މިކަމަށް ފާރަވެރިވާން ޖެހޭނެއެވެ.

ދެން އަނެއްމީހަކު މިއުޅެނީ އިނދެ ވަރިކުރި މީހެއްގެ ފުލުން ނުނެއްޓިގެންނެވެ. ދަރިންގެ ބައްޕައެވެ. އެއްޒަމާނެއްގައި އެކުގައި އުޅުނު ހަޔާތުގެ ބައިވެރިޔާއެވެ. މައްސަލައެއްޖެހި ޖިނާއީ ދައުވާކުރާނަމަ ދާންވީ އިދާރާތަކަށެވެ. ޒާތީ މައްސަލަތައް ހިފައިގެން ޓިކްޓޮކް ލައިވްއަށް އަރާ ގިނަ ލައިކްސް ހޯދަން އުޅުމަކީ ތަހުޒީބީ ކަމެއްނޫނެވެ. ދަށު ދަރަޖައިގެ ޢަމަލެކެވެ. މި ބައިމީހުން ޒާތީ ހަސަދައާއި ނަފްރަތުގައި ހެއްކެއްނެތި ޖިންސީގޯނާގެ ތުހުމަތުވެސް އަޅުވަނީއެވެ. ދުރުން ގެއަކުން ކުއްޖަކު ރޯލާއަޑު އިވުނަސް ފުލުހާއި، މިނިސްޓްރީއާ އިދާރާތަކަށް ރިޕޯޓުކުރަނީއެވެ. ތަނެއްދޮރެއް ބެލުމެއްނެތެވެ. އެހެންމީހުންގެ ދިރިއުޅުމުގެ ހާލަތު ނުއެނގިތިބެ ޓިކްޓޮކް ރިޔާސަތުން ހުކުމް ޖަހަނީއެވެ. އަޑު ގަދަ މީހާގެ ރުއް ގިނަ ވާނެއޭ މުސްކުޅިން ބުނެ އުޅޭތީ ރުއް ދަނޑެއް ހޯދަން ތޯއްޗެކެވެ.

މިފަދައިން ޢަމަލުތައް ބަހައްޓާ މީހުން މި ޢަމަލުތައް ތަކުރާރުކޮށް ކުރަމުންދަނީ، އެމީހުންގެ ލައިވްތަކަށް ގިނަ ބައެއްގެ ސަމާލުކަން ހޯދުމަށާއި، ވިއުސް އިތުރުކުރުމުގެ ބޭނުމުގައެވެ. އެއްޖިއްސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރަނީއެވެ. އިސްލާމްދީނަށް ފާޅުގައި ފުރައްސާރަ ކުރަނީއެވެ. މިއީ ވަރަށް ނުރައްކާތެރި އަދި ވިޔާނުދާ ވިސްނުމެކެވެ.

މިފަދަ ލައިވްތަކަށް ވަންނަ ބައެއް މީހުން، މި ފަރާތްތަކަށް ހިތްވަރުދީ، ގިފްޓް ފޮނުވައި ހެދުމަކީ ވެސް މި މައްސަލަ އިތުރަށް ގޯސްވާ ކަމެކެވެ. ބުލީކުރާ މީހުންނަށް ތަރުޙީބުދީ، އެމީހުންގެ ޢަމަލުތައް ބަލައިގަންނަ ބަޔަކު ތިބުމަކީ، އެމީހުންނަށް ލިބޭ އިތުރު ހިތްވަރެކެވެ. މިފަދަ ލައިވްތަކުގައި ހިނގާ މިފަދަ ބޭއަދަބީ ކަންކަން ތަކުރާރުވަމުން ދިއުމަކީ، ޓިކްޓޮކް ޕްލެޓްފޯމް ރެގިއުލޭޓް ކުރުމަށް ނުވަތަ މިފަދަ މީހުންނަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން ނުކުޅެދިފައިވާކަން ދައްކުވައިދޭ ކަމެކެވެ. މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.

އިޖުތިމާޢީ ފޭރާން ވީދި، މުޖުތަމަޢު ހަލާކުވުން

ޓިކްޓޮކް ލައިވްތަކުގައި މިފަދަ ބޭއަދަބީ ކަންކަން ތަކުރާރުވުމަކީ ރާއްޖޭގެ އިޖުތިމާޢީ ފޭރާން ވީދި، މުޅި މުޖުތަމަޢު ހަލާކުވެގެންދާނެ ކަމެކެވެ. ދިވެހި މުޖުތަމަޢަކީ ޒަމާނުއްސުރެ އެކަކު އަނެކަކަށް އިޙުތިރާމްކުރާ، ބޮޑެތި މީހުންނަށް ޤަދަރުކުރާ، އަދި ކުޑަކުދިންނަށް އޯގާތެރިވާ މުޖުތަމަޢެކެވެ. ނަމަވެސް، މީސްމީޑިއާގައި އާންމުކޮށް ފެންނަން ހުންނަ މިފަދަ ހުތުރު މަންޒަރުތަކާއި އިވޭ އަޑުތަކުގެ ސަބަބުން، އަޅުގަނޑުމެންގެ މި ރީތި އާދަތަކާއި އަޚްލާޤީ މިންގަނޑުތައް ދަނީ ގެއްލެމުންނެވެ. ބުލީކުރުމާއި، ހުތުރު ބަހުން ވާހަކަދެއްކުމާއި، މީހުންގެ އަބުރު ކަތިލުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ޒުވާން ޖީލުތަކަށް ސިފަވާން ފެށުމަކީ މުސްތަޤުބަލަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

މުޖުތަމަޢެއްގެ ކުރިއެރުމާއި ބާއްޖަވެރިކަން ބިނާވެފައި އޮންނަނީ އެ މުޖުތަމަޢެއްގެ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި، ކުލުނާއި، އެއްބައިވަންތަކަމުގެ މައްޗަށެވެ. އެހެންނަމަވެސް، ޓިކްޓޮކް ލައިވްތަކުގައި ހިންގާ މިފަދަ ހަޑިމުތާބު ޢަމަލުތަކުގެ ސަބަބުން، މީހުންގެ މެދުގައި ރުޅިވެރިކަމާއި ޙަސަދަވެރިކަން އުފެދި، އާއިލާތަކާއި ރަޙުމަތްތެރިންގެ މެދުގައި މައްސަލަތައް އުފެދެއެވެ. އެކެއްގެ ބޮލުގައި އަނެކަކު ދޮގު އިލްޒާމްތައް އަޅުވައި، މުޅި މުޖުތަމަޢުގެ ކުރިމަތީގައި ފަޟީޙަތްކުރުމުން، މުޖުތަމަޢުގެ ހަމަޖެހުން ގެއްލި، މީހުންގެ މެދުގައި އޮންނަ އިތުބާރު ކުޑަވެގެންދެއެވެ. މިއީ އިޖުތިމާޢީ ފޭރާން ވީދިގެންދާ ކަމުގެ ވަރަށް ސާފު ހެއްކެކެވެ.

އަދި ހަމައެހެންމެ، މިފަދަ ލައިވްތައް ބަލާ ކުޑަކުދިންނާއި ޒުވާނުންގެ ސިކުނޑިތަކަށް މީގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ފޯރާނެއެވެ. ކުދިން ބޮޑުވަމުން އަންނައިރު އެ ކުދިންނަށް ފެންނަނީ މީސްމީޑިއާގައި މަޝްހޫރު ބަޔަކު އެހެން މީހުންނަށް ބުލީކޮށް، ހުތުރު ބަސްތައް ބޭނުންކުރާ މަންޒަރު ކަމަށްވާނަމަ، އެ ކުދިންގެ ކިބައިގައި ވެސް މި ނުބައި އާދަތައް އަށަގަތުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އަދަބު އިޙުތިރާމް ކުޑަ، ރުޅިގަދަ، އަދި އެހެން މީހުންގެ އިޙުސާސްތަކަށް ރިޢާޔަތްނުކުރާ ޖީލެއް އުފެދުމުގެ ބިރު ވަރަށް ބޮޑެވެ. މިއީ ޤައުމެއްގެ ހަލާކާއި ދެރަވަރުކަމުގެ ފެށުމެވެ.

އެހެންކަމުން، މިފަދަ މީހުންގެ ޢަމަލުތަކަކީ ހަމައެކަނި ވަކި ފަރުދަކަށް ލިބޭ ގެއްލުމެއް ނޫނެވެ. އެއީ މުޅި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ވެއްޓި، އިޖުތިމާޢީ ގުޅުންތައް ހީނަރުވެ، ދިވެހިންގެ ރީތި އާދަކާދަތައް ނެތިދިއުމަށް މަގުފަހިކުރާ ކަމެކެވެ. މިކަންކަން ނުހުއްޓުވިއްޖެނަމަ، އަޅުގަނޑުމެންގެ މުޖުތަމަޢަކީ ބިރުވެރިކަމާއި، ނަފްރަތާއި، ބުލީކުރުން ޢާންމުވެފައިވާ، ދިރިއުޅެން ދަތި މާޙައުލަކަށް ބަދަލުވެގެން ހިނގައިދާނެއެވެ.

ނަފްސާނީ މައްސަލަތަކާއި ބުލީގެ ޝިކާރައަކަށްވާ މީހުންގެ ވޭން

ލައިވްތަކުގައި ކުރާ ބުލީގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ބުލީގެ ޝިކާރައަކަށްވާ ފަރާތްތަކަށެވެ. އެތައް ސަތޭކަ ނުވަތަ ހާސް ބައެއްގެ ކުރިމަތީގައި މީހަކަށް މަލާމާތްކޮށް، ފުރައްސާރަކޮށް، ދޮގު އިލްޒާމްތައް އެޅުވުމަކީ އެމީހެއްގެ ނަފްސަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ. މިފަދަ ކަންކަމުގެ ސަބަބުން، ބުލީގެ ޝިކާރައަކަށްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އަދި އޭގެ ސަބަބުން އެތައް ބަޔަކު ދަނީ ނަފްސާނީ ބޮޑެތި މައްސަލަތަކާ ކުރިމަތިލަމުންނެވެ.

ބުލީކުރުމުގެ ސަބަބުން މީހުންނަށް ކުރިމަތިވާ ނަފްސާނީ މައްސަލަތަކުގެ ތެރޭގައި، ޑިޕްރެޝަން، އެންޒައިޓީ، އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުން ހިމެނެއެވެ. ޓިކްޓޮކް ފަދަ އާންމު ޕްލެޓްފޯމެއްގައި މީހެއްގެ އަބުރު ކަތިލުމުން، އެމީހަކު މުޖުތަމަޢުގެ ތެރެއަށް ނުކުމެ އުޅެން ލަދުގަނެ، އެކަހެރިވެގަތުމަށް މަޖުބޫރުވެއެވެ. އާއިލާ މީހުންނާއި ރައްޓެހިންނާ ކުރިމަތިލާން ނުކެރި، ގޭގެ ހަތަރު ފާރުގެ ތެރޭގައި ބަންދުވެގެން ތިބެންޖެހޭ އެތައް ބަޔަކު މިހާރުވެސް ދިވެހި މުޖުތަމަޢުގައި އެބަތިއްބެވެ. މިއީ ވަރަށް ހިތްދަތި އަދި ވޭންދެނިވި އިޙުސާސްތަކެކެވެ.

ބައެއް ޙާލަތްތަކުގައި، މިފަދަ ނަފްސާނީ އަނިޔާތަކަށް ކެތްނުކުރެވިގެން، އަމިއްލަ ފުރާނައަށް ގެއްލުންދިނުމުގެ ޚިޔާލުތައް އައުމާއި، އެފަދަ ޢަމަލުތައް ކުރުމަކީ ވެސް ހިނގާފާނެ ކަމެކެވެ. ބުލީކުރާ މީހުންނަށް، އެމީހުން ބުނެލާ ބަހަކުން ނުވަތަ ކުރާ މަލާމާތަކުން އަނެކާއަށް ކުރާނެ އަސަރު އަންދާޒާ ނުކުރެވިދާނެއެވެ. ނަމަވެސް، އެ ބަސްތަކަކީ އަނެކާގެ މުޅި ދިރިއުޅުން ހަލާކުކޮށްލާ ފަދަ ތޫނު ހަތިޔާރަކަށް ވެގެންދެއެވެ. ރުހުޝާ އާއި ޝެހެނާޒް ފަދަ މީހުން ލައިވްތަކުގައި މީހުންނަށް ހަޅޭއްލަވައި، ހުތުރު އެއްޗެހި ކިޔައި، ދޮގު ވާހަކަތައް ފަތުރާއިރު، އޭގެ ޝިކާރައަކަށްވާ މީހުން ކަރުނަ އަޅައި ރޮމުންދާކަން އެމީހުންނަށް ނުވިސްނެނީއެވެ.

ނަފްސާނީ ބަލިމަޑުކަމަކީ ފެންނަން ހުންނަ ޖިސްމާނީ ބަލިތަކަށްވުރެ މާ ނުރައްކާތެރި އަދި ފަރުވާކުރަން އުނދަގޫ ބަލިތަކެކެވެ. ބުލީގެ ސަބަބުން ލިބޭ ނަފްސާނީ ގެއްލުންތަކުން އަރައިގަތުމަށް އެތައް އަހަރެއް ނަގާފާނެއެވެ. އަދި ބައެއް ފަހަރު މުޅި އުމުރަށް ވެސް އޭގެ އަސަރު ދެމިހުރެއެވެ. އެހެންކަމުން، މުނިފޫހިފިލުވުމުގެ ނަމުގައި ނުވަތަ މަޝްހޫރުވުމުގެ ބޭނުމުގައި އެހެން މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ނަގާލުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. މިކަމުގެ ސަބަބުން ޢާއިލާތަކަށް ލިބޭ ހިތާމަ ވަރަށް ބޮޑެވެ.

ކުޑަކުދިންގެ ފޮޓޯ އާންމުކޮށް ފުރައްސާރަކުރުމަކީ ޖިނާއީ ކުށެއް

ޓިކްޓޮކް ލައިވްތަކުގައި ފެންނަ އެންމެ ނުރައްކާތެރި އަދި އެންމެ ހިތާމަހުރި އެއް މަންޒަރަކީ، ޒާތީ މައްސަލަތަކުގެ ތެރެއަށް ކުށެއްނެތް ކުޑަކުދިން ވައްދައި، އެ ކުދިންނަށް ފުރައްސާރަކުރުމެވެ. ބައެއް ހޯސްޓުން އެމީހުންނާ ޖެހޭ މައްސަލަތަކުގައި، އަނެކާގެ ދަރިންގެ ފޮޓޯތައް ލައިވްތަކުގައި އާންމުކޮށް، އެ ކުދިންނަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަދައްކައި، މަލާމާތްކުރަމުންދެއެވެ. މިއީ ހަމައެކަނި އަޚްލާޤީ ގޮތުން ދަށްފެންވަރުގެ ކަމެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ބޮޑުވެގެންވާ ޖިނާއީ ކުށެކެވެ.

ދިވެހިރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުން، ކުޑަކުދިންގެ ކަރާމާތާއި އަބުރަށް އުނިކަން އަންނަ ފަދަ ގޮތަކަށް އެ ކުދިންގެ މަޢުލޫމާތާއި ފޮޓޯ އާންމުކުރުމަކީ މަނާކަމެކެވެ. އިންޓަނެޓްގެ ޒަރީޢާއިން ކުޑަކުދިންނަށް ބުލީކޮށް، ފުރައްސާރަކޮށް، އެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންދިނުމަކީ ކަމާބެހޭ ފަރާތްތަކުން ވަރަށް ސީރިއަސްކޮށް ބަލަންޖެހޭނެ މައްސަލައެކެވެ. ކުޑަކުދިންނަކީ މުޖުތަމަޢުގެ އެންމެ ނާޒުކު ބައެވެ. އެ ކުދިންނަށް ފުރިހަމަ ރައްކާތެރިކަން ދިނުމަކީ ދައުލަތާއި މުޅި މުޖުތަމަޢުގެ ވެސް ޒިންމާއެކެވެ.

ލައިވްތަކުގައި ކުޑަކުދިންގެ ފޮޓޯ ދައްކައިގެން މަލާމާތްކުރުމުން، އެ ކުދިންނަށް އޭގެ ސަބަބުން ކުރާނެ ނަފްސާނީ އަސަރު ވަރަށް ބޮޑުވާނެއެވެ. އެ ކުދިން ސްކޫލަށް ދާއިރު ނުވަތަ މަގުމައްޗަށް ނުކުންނައިރު، އެހެން މީހުންގެ ފަރާތުން ފުރައްސާރައާ ކުރިމަތިލާން ޖެހިދާނެއެވެ. މީގެ ސަބަބުން ކުއްޖާގެ ކިޔެވުމަށާއި، މުސްތަޤުބަލަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދެއެވެ. އެއްވެސް ކުއްޖަކީ އެ ކުއްޖާގެ މައިންބަފައިން ކުރާ ކަމެއްގެ ސަބަބުން ނުވަތަ މައިންބަފައިންނާ އެހެން ބަޔަކާ ޖެހޭ މައްސަލައެއްގެ ސަބަބުން އަދަބު ލިބެންޖެހޭނެ ކުއްޖެއް ނޫނެވެ.

ޓިކްޓޮކްގައި އެކަކު އަނެކަކު ޒުވާބުކޮށް މައިދާން ހޫނުވުމުން މީހުންގެ ލައިވްތަކުގައި މިފަދަ ގޮތްގޮތަށް ކުޑަކުދިން ޝާމިލުކޮށް، އެ ކުދިންގެ ފޮޓޯތައް ބޭނުންކޮށްގެން ފުރައްސާރަކުރަމުންދާއިރު، މިއީ ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ވަގުތުން ތަޙުޤީޤުކޮށް ފިޔަވަޅު އަޅަންޖެހޭވަރުގެ ބޮޑު ކުށެކެވެ. މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހެއެވެ. އެހެން ނޫންނަމަ، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުމަކީ މީސްމީޑިއާގައި މީހުން ޖެހިލުމެއްނެތި ކުރާނެ ކަމަކަށް ވެގެންދާނެއެވެ.

ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލުން

ޓިކްޓޮކް ލައިވްތަކުގައި ހިނގަމުންދާ މި ބޭއަދަބީ އަދި ޤާނޫނާ ޚިލާފު ޢަމަލުތަކަކީ ދޫކޮށްލެވިގެންވާނެ ކަންކަމެއް ނޫނެވެ. މީސްމީޑިއާގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތުމަކީ، އަނެކާގެ އަބުރަށް އަރައިގަނެ، ފުރައްސާރަކޮށް، ކުޑަކުދިންނަށް ބުލީކުރުމަށް އޮތް ލައިސަންސެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ވެސް އެމީހެއްގެ އަބުރާއި ކަރާމާތް ރައްކާތެރިކުރުމުގެ ޙައްޤު ކަށަވަރުކޮށްދީފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާއި، ސައިބަރ ކްރައިމްއާ ގުޅޭ ޤާނޫނުތަކާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، މިފަދަ ޢަމަލުތަކަކީ ކަނޑައެޅިގެން ކުށެވެ.

އެހެންކަމުން، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށާއި، އަދި ކަމާބެހޭ އެހެނިހެން މުއައްސަސާތަކަށް، މި މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލައިދިނުމަށް މި ރިޕޯޓުގެ ޒަރީޢާއިން ގޮވާލަމެވެ. ޚާއްޞަކޮށް ރުހުޝާ (ރޭޑިއޯ) އާއި ޝެހެނާޒް (ޝެހޭ) ފަދަ، ތަކުރާރުކޮށް އާންމު މަންސަތަކުގައި މީހުންނަށް ބުލީކޮށް، ދޮގު އިލްޒާމްތައް އަޅުވައި، ހުތުރު ބަސްތައް ބޭނުންކޮށް، ކުޑަކުދިންނާއި މައިންބަފައިންނަށް ފުރައްސާރަކުރާ ފަރާތްތަކާ މެދު ވަގުތުން ފިޔަވަޅު އަޅަންޖެހެއެވެ. މިފަދަ ފަރާތްތަކުގެ ޢަމަލުތައް ތަޙުޤީޤުކޮށް، އެމީހުންގެ މައްޗަށް ދަޢުވާކޮށް، ޤާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމަކީ މުޖުތަމަޢުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން މިފަދަ ޓިކްޓޮކް ލައިވްތައް މޮނިޓަރކޮށް، ކުށްކުރާ ފަރާތްތަކުގެ ވަސީލަތްތައް ހިފަހައްޓައި، އެފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެންނަން ޖެހެއެވެ. ހަމައެކަނި ރިޕޯޓުކުރުމަކުން ނުފުދެއެވެ. އަމާޒުކޮށްގެން މީހުންނަށް ބުލީކުރާ ނެޓްވޯކްތައް ރޫޅާލައި، މީސްމީޑިއާއަކީ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ހަދައިދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. މީގެ އިތުރުން، ޓިކްޓޮކް ފަދަ ކުންފުނިތަކާ ގުޅިގެން މިފަދަ އެކައުންޓްތައް ބްލޮކްކުރުމަށް ނުވަތަ ބޭންކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަން ޖެހެއެވެ.

އަދި މުޖުތަމަޢުގެ ފަރުދުންގެ ހައިސިއްޔަތުން އަޅުގަނޑުމެން ވެސް މިފަދަ ލައިވްތަކަށް ނުވަދެ، އެމީހުންނަށް ގިފްޓް ނުފޮނުވައި، އެފަދަ ވިޔާނުދާ ޢަމަލުތައް ބޮއިކޮޓްކުރަން ޖެހެއެވެ. ބުލީކުރާ މީހުންނަށް ޕްލެޓްފޯމެއް ނުދީ، އެމީހުންގެ ޢަމަލުތައް ކުށްވެރިކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ޒިންމާއެކެވެ. މީސްމީޑިއާއަކީ އެކަކު އަނެކަކަށް ފައިދާހުރި މަޢުލޫމާތު ފޯރުކޮށްދޭ، އުފާވެރި މާޙައުލަކަށް ހެދޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުންނެވެ.

މިކަމަށް އިދާރާތަކުން އަޅާލަންވީ މީހަކަށް ދެރަކަމެއްވީމަ ނުވަތަ މީހަކު ރިޕޯޓުކުރީމައެއްނޫނެވެ. މި ޓިކްޓޮކް ޕްލެޓްފޯމަކީ ފުލުހުން އަމިއްލައަށްވެސް މޮނިޓަރ ކުރަންޖެހޭ ތަނަކަށް މިވަނީ ވެފައެވެ.

ޓިކްޓޮކްގައި ދިވެހި ހޯސްޓުން ހިންގާ ބޭއަދަބީ ޢަމަލުތައް މިހާރު މިވަނީ ހައްދުފަހަނަޅައި ގޮސްފައެވެ. މިފަދަ މީހުންގެ ލައިވްތަކަކީ ދިވެހި މުޖުތަމަޢަށް ހުރި ބޮޑު ވަބާއެކެވެ. އިޖުތިމާޢީ ފޭރާން ވީދި، މުޖުތަމަޢު ހަލާކުވެ، އެތައް ބަޔަކު ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިގެން ދިއުމުގެ ކުރިން ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން މިކަމަށް ފިޔަވަޅު އަޅުއްވައިދެއްވާށެވެ. ކުޑަކުދިންނާއި ޢާންމު ރައްޔިތުންގެ ކަރާމާތާއި އަބުރު ރައްކާތެރިކޮށްދެއްވައި، މުޖުތަމަޢުގެ އަމާންކަން ކަށަވަރުކޮށްދެއްވުމަކީ މިއަދު އެންމެންގެ ވެސް އާދޭހެކެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
މަރިޔަމް ރުހުސާ
މަރިޔަމް ރުހުސާ
2 މަސް ކުރިން

ސެހޭ ?ކޮބާ ސްކްރީން ރިކޯޑް