ދައުލަތުގެ މަސްކުންފުނި، މިފްކޯގެ އާ މެނޭޖިން ޑިރެކްޓަރަކަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަނަސް މިރޭ ހަމަޖައްސައިފި އެވެ.
ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕީސީބީގެ ރައީސްގެ މަގާމުން އަނަސް އިސްތިއުފާ ދެއްވުމާއެކު، އެ މަގާމަށް މުހައްމަދު ނިޒާރު ވަނީ މިރޭ އައްޔަންކޮށްފަ އެވެ.
ޕީސީބީން މިރޭ ބުނީ، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް ގއ. ދެއްވަދޫ، ދޭލިޔާގެ، އަނަސް މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ.
މިފްކޯގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވޮ ފަރުހަތު ޝަހީރު މި މަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
މިފްކޯގެ އެމްޑީއަކަށް އައްޔަނުކުރި އަނަސް އަކީ، އެމްއެންޔޫއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާފައިވާ އަދި އިނގިރޭސި ވިލާތުގެ ހާޓްފޯޑްޝަޔާ ޔުނިވާސިޓީން އެކައުންޓިން ދާއިރާ އިން ބެޗެލާ އޮފް އާޓްސް ހާސިލް ކުރެއްވާފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ މީގެ ކުރިން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ކުރިން ފުރުއްވައިފަ އެވެ.














