ސޫރިޔާގެ ޙައްޤުތަކާ ބެހޭ ކޮމިޝަނަކުން، ބައްޝާރުލް އަސަދުގެ މިލީޝާ ލީޑަރެއް ކަމަށްވާ ފާދީ ޞަޤްރުގެ މައްޗަށް އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކުގެ ތުހުމަތު އުފުލުމަށް ތައްޔާރުވަމުންދާ ކަމަށް ސޫރިޔާގެ އިސް އޮފިޝަލަކު ”ދަ ގާޑިއަން“ ނޫހަށް މަޢުލޫމާތު ދީފިއެވެ.
ޞަޤްރަކީ ކުރީގެ ނޭޝަނަލް ޑިފެންސް ފޯސަސް (އެން.ޑީ.އެފް) މިލީޝާގެ ކޮމާންޑަރެކެވެ. އޭނާގެ މައްޗަށް ދިމިޝްގުގެ ތަޟާމުން އަވަށާއި އެ ސިޓީގެ އެހެން ސަރަހައްދުތަކުގައި ޢާއްމުން މެރުމާއި، މީހުން ވަގަށް ނަގައި ގެއްލުވާލުމުގެ ބޮޑެތި ތުޙުމަތުތަކެއް ކުރެވިފައިވެއެވެ.
ޑިސެމްބަރު 2024 ގައި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު ފައްސާލުމަށްފަހު، ސޫރިޔާގެ އައު ސަރުކާރުން ސަލާމަތީ ކަންކަމުގައި ސަޤްރުއާ އެކު މަސައްކަތް ކުރުމުން، އޭނާގެ އަނިޔާވެރިކަން ތަޙައްމަލުކުރި ފަރާތްތަކުގެ މެދުގައި ބޮޑު ނުރުހުމެއް ވަނީ އުފެދިފައެވެ.
މި ޖަރީމާތައް ޑޮކިއުމަންޓް ކުރި ”ތަޟާމުން ކޯޑިނޭޝަން ކޮމިޓީ“ ގެ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު އަލްޙޮމްޞީ ބުނި ގޮތުގައި: ”ފާދީ ޞަޤްރުއާ އަޅާބަލާއިރު އަމްޖަދަކީ ހަމައެކަނި އާދައިގެ ސިފައިންގެ މީހެކެވެ. ތަޟާމުންގައި ހިނގި އެއްވެސް ކަމެއް، ވައްކަން ކުރުން ކަމުގައި ވިޔަސް، ހައްޔަރުކުރުން ނުވަތަ މީހުން މެރުން ކަމުގައި ވިޔަސް، ހިނގާފައިވަނީ ފާދީ ޞަޤްރުގެ އަމުރަށެވެ. ހުރިހާ ކަމެއް އޮތީ އޭނާގެ ކޮންޓްރޯލްގެ ދަށުގައެވެ. ހުރިހާ ކަމެއް އޭނާއަށް އެނގެއެވެ.“












