ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ނިންމަވައިފިއެވެ.
އެގޮތުން ”ޕްރެސަރ ވިތު ދަ ސްޕޮކްސް“ ގެ ނަމުގައި ފެށި މި ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު، މި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވަމުން މުންދު ވިދާޅުވީ މި ބައްދަލުކުރެއްވުމުގެ ތެރެއިން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާނެ ކަމަށެވެ.
”ތިބޭފުޅުން ފައިލް ކުރަމުންދާ ސްޓޯރީތަކަށް ސަރުކާރުގެ ރައުޔެއް، ނުވަތަ މައުލޫމާތެއް ވިޔަސް ނުވަތަ ސްޓެޓިސްޓިކެއް ވިޔަސް ނޫނިއްޔާ އަޅުގަނޑުގެ ސައުންޑް ބައިޓެއް ބޭނުން ވިޔަސް އަޅުގަނޑު މި އުންމީދުކުރަނީ ތިބޭފުޅުންގެ މަސައްކަތަށް މި ބައްދަލުވުން ވެގެންދާނީ ފަސޭހައަކަށޭ،“ – މުންދު ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ އެންމެފަހުގެ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ”ޕްރެސަރ“ ގެ މަންޒަރާއި އަޑު އަދި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެފަހުގެ ތަފްސީލު އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށް ހިއްސާކުރައްވާނެ ކަމަށް ވެސް މުންދު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ”ދަ ފީޑް އެމްވީ“ ގެ ނަމުގައި އިންސްޓަގްރާމް އަދި ޓިކްޓޮކް އެކައުންޓް އެއް ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިފްތިތާހުކޮށްފައެވެ. ނޫސްވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ އެކަންކަން ފާހަގަކޮށް ސަރުކާރަށް ތައުރީފް ކުރަމުންނެވެ.












