ސްރީލަންކާގައި ތާށިވެފައި ހުރި 2،500 އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ އަންނަ ހަފުތާގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު މި މޭރުމުން ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ދިމާވެދާނެ ދަތިތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުންނެވެ.
ޝިޕިންގ ރޫޓުތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއަށް މުދާ ގެނައުމަށް ހުރި ދަތިތައް މަދުކުރުމަށް އެމްޕީއެލްއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތްތަކުގެ ސަބަބުން މުދާ ގެނައުމުގައި ލޯޑު ކުޑަކުރެވިގެންދާނެ ކަމަށެވެ. އަދި މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައާއި ގުޅިގެން ލަންކާގައި ތާށިވެފައި ހުރި 2،500 އަށްވުރެ ގިނަ ކޮންޓެއިނަރު އަންނަ ހަފުތާގެ ތެރޭގައި ރާއްޖެއަށް ގެންނާނެ ކަމަށް ވެސް މިނިސްޓަރު ސަޢީދު ވަނީ އިތުރަށް ވިދާޅުވެފައެވެ.
”ހަނގުރާމައާއި ގުޅިގެން އައި ބަދަލުތަކާއެކު، ލަންކާގައި މި ވަގުތު ލަސްވެފައިހުރި ކޮންޓައިނަރު ކުރިއަށް އޮތް ހަފުތާގައި އަޅުގަނޑުމެންނަށް އެމްޕީއެލްއިން މައުލޫމާތު ދެއްވާ ގޮތުގައި 2،500 އަށްވުރެ ގިނަ ކޮންޓައިނަރުގެ ތަކެތި ތިން ވެސެލްއިން ދިވެހިރާއްޖެއަށް ގެންނާނެ،“ – މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އިމްޕޯރޓްކުރި އަދި އެކްސްޕޯރޓްކުރި މުދަލުގެ ތަފާސްހިސާބުތަކަށް ވެސް މިނިސްޓަރު ވަނީ އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން އެހެން އަހަރުތަކާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އެތެރެކުރި މުދަލުގެ އަދަދު 19 އިންސައްތައާއި 20 އިންސައްތައަށް އިތުރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިދިޔަ މާރިޗު މަހު އަސާސީ ކާބޯތަކެތީގެ ޕްރައިސް އިންޑެކްސް މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 1.95 އިންސައްތަ ވަނީ އިތުރުވެފައެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ބާވަތްތަކަށް ބަލައިލާއިރު، އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ މޭވާއާއި ތަރުކާރީގެ އަގުތަކެވެ. އެގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު ތަރުކާރީގެ އަގު ފަސް އިންސައްތަ އަދި މޭވާގެ އަގު %15.56 އަށް ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށް މިނިސްޓަރު ވަނީ އިތުރަށް ވިދާޅުވެފައެވެ.











