Sunday, 26 July 2026

Ads by

ޤަޒުފުގެ ތުހުމަތާއި ނޫސްވެރިކަމުގެ މިނިވަންކަން: ސިޔާސީ އައްޑަނައިގެ ނިވާފަތްގަނޑު

އެކި ގްރެފިކްސް: ރާއިޤް

އަޅުގަނޑުމެން މުސްލިމުން ތަބަަޢަވާ އިސްލާމީ ޝަރީޢަތާއި، އެއަކަށް ބޯލަނބާ ޤާނޫނު އަސާސީ އަދި ޤާނޫނުތަކާއި ޤަވާޢިދުތަކުން ރައްކާތެރިކޮށްދޭ ކަންތައްތަކެއް އެބަވެއެވެ. ލިއްބައިދޭ ޙައްޤުތަކެއް އެބަވެއެވެ. އުފުލަންޖެހޭ ޒިންމާތަކެއް އެބަވެއެވެ. މި ޙުދޫދުގެ ތެރެއިން ލިބިދިން ކޮންމެ ޙައްޤެއް ލިއްބައިދީފައިވަނީ މަސްޢޫލިއްޔަތްތަކަކާއި ޒިންމާތަކެއްގެ ތެރެއިންނެވެ. އެ އިން ފަހަނަޅާ ދިއުމަކަށް އެއްވެސް މީހަކަށް ހުއްދަ ލިބިގެނެއް ނުވެއެވެ. އެއީ ވެރިޔަކަށް ވިޔަސް، މެންބަރަކަށް ވިޔަސް، ނޫސްވެރިއަކަށް ވިޔަސް، ސިޔާސީ ފަރާތަކަށް ވިޔަސް، އަދި ޢާންމު ރައްޔިތަކަށް ވިޔަސް މިދެންނެވި އިން ފަހަނަޅާ ގޮސްގެން ނުވާނެއެވެ. އެއީ ކުށެކެވެ.

ކަންމިހެން އޮތްއިރު، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަނީ ނުހަނު ހިތާމަވެރި މަންޒަރެކެވެ. މިދެންނެވި ހުރިހާ ކަމެއް އެއް މަންޒަރަކުން އޭޕްރީލް 27 ވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުން ފެނިގެން ހިނގައްޖެއެވެ. އެއީ ނޫސްވެރިކަމުގެ ނަމުގައި، މީހެއްގެ އަބުރާއި ޢިއްޒަތަށް އަރައިގަނެ، އިސްލާމީ ޝަރީޢަތުގައި ބޮޑުވެގެންވާ ފާފައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ’ޤަޒުފު‘ ގެ ޢަމަލު ހިންގުމެވެ.

ދާދިފަހުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ދެންނެވީ، އެބޭފުޅުން ތައްޔާރުކުރި ޑޮކިއުމެންޓްރީއެއްގައި ރައީސްއާއި، ބެހޭގޮތުން ކުރެވޭ ޤަޒުފުގެ ތުހުމަތުތަކާ ގުޅޭގޮތުންނެވެ. އެއީ ކައިވެނިން ބޭރުން ހިންގާފައިވާ ކަންތައްތަކެއް ކަމަށް ބުނެ، އަންހެނެއްގެ އިއުތިރާފު ހިމަނައިގެން ފަތުރާފައިވާ ވާހަކަތަކެކެވެ. ރައީސް ޑރ. މުޢިއްޒު އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވުމުން، އެ ސުވާލު ކުރި ފަރާތުން ބުނެފައިވަނީ އެކަމަކީ ތަޙުޤީޤުކޮށްފައިވާ ކަމަކަށް ނުވާތީ ތެދުދޮގު ކަނޑައަޅާނީ ކޮން ބޭފުޅެއްކަން ނޭނގޭ ކަމަށެވެ. މިއީ ހައިރާންވާންޖެހޭ ކަމެކެވެ. އެއްވެސް ތަޙުޤީޤެއް، ހެއްކެއް ނެތި މީހެއްގެ އަބުރަށް އަރައިގަނެ، އެކަން ދުނިޔެއަށް ފެތުރުމަށްފަހު، އެއީ ނޫސްވެރިކަން ކަމަށް ދަޢުވާކުރުމަކީ ކޮންފަދަ އިންސާފެއްތޯއެވެ؟

މި ހާދިސާގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ޤައުމުގެ ވަލިއްޔުލްއަމުރުގެ ބޮލުގައި ޤަޒުފުގެ ތުހުމަތު އަޅުވައި، އެކަން ކުރީ ތިމަންނަމެން ކަމަށް އަމިއްލައަށް އިޢުތިރާފުވުމެވެ. އަދި އެކަމުގެ ތެދުދޮގު ތަޙުޤީޤަކާ ނުލާ ނުނިންމޭނެ ކަމަށް ބުނާއިރު، ’އަދަދު‘ ނޫހުން އެ ވާހަކަތައް ތެދުކޮށް ފެތުރީ ކޮން ތަޙުޤީޤެއްގެ މައްޗަށް ބިނާކޮށްތޯ ސުވާލު އުފެދެއެވެ.

މިހާ ހިސާބުން އަސްލު މަންޒަރު ނިއުޅެން ފަށައެވެ. ސިޔާސީ ބައެއް ފަރާތްތަކުން މިކަން ސިފަކުރަނީ ނޫސްވެރިކަމަށް އެޅޭ ހުރަހެއްގެ ގޮތުގައެވެ. މީހެއްގެ ބޮލުގައި ދޮގު އިލްޒާމު އެޅުވި ބައެއްގެ ދިފާއުގައި ނިކުމެ، އެއީ މިނިވަން މީޑިއާއަށް ދެވޭ ހަމަލާއެއް ކަމަށް ބުނެ އަޑުއުފުލަން ފަށައިފިއެވެ. މިއީ ކޮންފަދަ ހަމަބުއްދިއަށް ނުފެތޭ ކަމެއްތޯއެވެ؟ އިސްލާމީ ޝަރީޢަތުގައި ޙަރާމް ކުރައްވާފައިވާ ޤަޒުފުގެ ޢަމަލެއް ހިންގުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރެއަށް ވަންނަ ކަމެއްތޯއެވެ؟

ޙަޤީޤަތުގައި، މިއީ ނޫސްވެރިކަމުގެ ނަމުގައި މުޖުތަމަޢުގައި ފިތުނަ އުފައްދަން ހިންގާ ޖަރީމާއެކެވެ. އިސްލާމީ އަދި ޤައުމީ މަސްލަޙަތަށްވުރެ ސިޔާސީ މަންފާ އިސްކުރުމުގެ ނަތީޖާއެވެ. މީހެއްގެ ޢިއްޒަތާއި އަބުރު ކުނޑިކުނޑިކޮށްލުމަކީ ނޫސްވެރިކަން ކަމަށް ދައްކަން ކުރާ މަސައްކަތަކީ ބިރުވެރި ކަމެކެވެ.

މި ވާހަތައް ފެތުރި ފަރާތްތަކުގެ ކަންބޮޑުވުމަކަށްވީ ރައީސްގެ ބޮލުގައި އެޅުވި ތުހުމަތުތައް ނުބެލުމެވެ. ނުވަތަ ތަޙުޤީޤު ނުކުރުމެވެ. އެކަންވެސް އެވަނީ ފަށާފައެވެ. އެހެންނަމަވެސް މިހާރު ގޯސްވެގެން އުޅެނީ ތަޙުޤީޤު ފެށުމެވެ. ތަޙުޤީޤުގައި މިބައިމީހުން މިތިބީ ހަނެވެ. ބުނަނީ މަރާލިޔަސް މަސްދަރު ހާމަ ނުކުރާނެ ކަމަށެވެ. ބަޔަކު އަވަދިވެދާނެ ނޫން ހެއްޔެވެ؟ މިބައިމީހުން މި ދައްކަނީ ޒުވާން އަންހެނއް ކުއްޖަކަށް އަނިޔާއެއް ލިބި އިންސާފަށް އެދޭވާހަކަޔޯލައެވެ. އެހެންވީމަ މިކަން ސިއްރުކުރީމަ އިންސާފުލިބޭނެބާއެވެ؟ ކޮންމެއަކަސް މިކަން ފެތުރި އެބުނާ ’ފުންނާބުއުސް‘ ނޫސްވެރިން މިއަދު މިތިބީ ހަނެވެ. އެތައް ބައެއްގެ ދިރިއުޅުމަށް އަސަރުކުރާވަރުގެ ފާޙިޝް ޢަމަލެއް ހިންގާލާފައެވެ. ތަޙުޤީޤަށް އެއްބާރުލުން ނުދިނުމާއި، ކަންކަން ސިއްރުކުރަން ގަދަފައި ވިއްދުމުން މިމީހުން މި ދެއްކީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއްކަން އެބަ ސާބިިތުވެއެވެ.

ޒާތީ ހަސަދައާއި، އިދިކީލި ވިސްނުމާއިހެދި ބައެއްގެ އަބުރުކަތިލާ ޤަޒްފުކުރުމުން، ސިޔާސީ ފަރާތްތަކުން ނުކުމެ މިފަދަ ޢަމަލުތައް ދިފާޢުކުރާއިރު، އެ ބޭފުޅުންގެ ހިތްތަކުގައި އިސްލާމީ ވަންތަކަން އޮތީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދެއެވެ. ވެރިކަން ހޯދުމުގެ މަގަކީ ފިތުނައިގެ އަލިފާނުން ޤައުމު ރޯކޮށްލުން ކަމުގައި ދެކޭނަމަ، އެއީ މި ޤައުމަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. ވީމާ، މިކަމުގެ ތެދުދޮގާއި، މިއީ ނޫސްވެރިކަންތޯ ނުވަތަ ސިޔާސީ ފިތުނައިގައި ޤައުމު ފަސާދަކުރުންތޯ ނިންމެވުން ކިޔުންތެރިންނަށް ދޫކޮށްލަމެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް