ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ މެންބަރަކު އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލު ނުކުރެވޭނެކަމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ. މި ތާރީހީ ހުކުމާއެކު، އެންޓި ޑިފެކްޝަން އުސޫލުތަކަކީ އަސާސީ ހައްގުތަކާ ފުށުއަރާ ކަމެއް ނޫންކަން ވަނީ ކަށަވަރުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 20 ނޮވެމްބަރު 2024 ގައެވެ. ހަމަ އެރޭ ގާނޫނު އަސާސީއަށް ގެނައި އެ އިސްލާހު ރައީސް މުއިއްޒު ތަސްދީގު ކުރައްވައި އަމަލުކުރަން ފެއްޓެވިއެވެ.
ގޮނޑި ގެއްލޭ އިސްލާހުގައި އޮތީ ކީކޭ؟
ރަައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރެއް، މެންބަރުކަމުން ވަކިވާނެ ހާލަތްތައް ބަޔާންކޮށްފައިވާ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް ގެނަސްފައިވާ އިސްލާހުގައި ބުނެފައިވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން، ނުވަތަ އެ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން، ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަކީ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމެއް ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަކީވެސް މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ހާލަތެއް ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނު އަސާސީއަށް ގެނައި އެ މުހިންމު އިސްލާހު ބާތިލްކޮށްދޭން އެދި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަދި ގާނޫނީ ވަކީލު އަލީ ހުސައިން ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެއްދިއެވެ. އެ މައްސަލައިގައި އޭނާ ވަނީ އެ އިސްލާހަކީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ އާއި އަށް ވަނަ މާއްދާގެ އިތުރުން 26 ވަނަ މާއްދާ އާއި 75 މާއްދާ އާއި 90 ވަނަ މާއްދާއާ ފުށުއަރާ ބަދަލެއް ކަމަށާއި، މިއީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވާނެ އިސްލާޙެއް ކަމަށާއި އެހެންކަމުން މިއީ ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލް އިސްލާހެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ސްޕްރީމް ކޯޓުގެ ބޮޑު ނިންމުމެއް، ޑިމޮކްރެޓިކް ގައުމުތަކުގައިވެސް ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ!
މި މައްސަލައިގެ ހުކުމް އިއްވުމަށް ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން، އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިރު، މިނިވަން ޑިމޮކްރަޓިކް ގައުމުތަކުގައި އޮންނަ އުސޫލުތަކަށް ރިއާޔަތްކޮށް އެފަދަ އިސްލާހެއް ގާނޫނުއަސާސީއަށް ގެނައުމަކީ ގާނޫނު އަސާސީގެ ސިޔާދަތާ ހިލާފު ކަމެއް ނޫން ކަމަށެވެ.
ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމާއި، ދެ ނިޒާމުގެ މަސްހުނި ސިފަތައް އެކުލެވޭ ނިޒާމުތައް ހިމެނޭގޮތަށް ހިންގަމުންދާ ނިޒާމުތަކަށް އަމަލު ކުރަމުންދާ ގައުމުތަކުގައި އެންޓި ޑިފެކްޝަން ގާނޫނުތަކާ ގުޅިގެން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތް ކުރައްވައި، މީގެކުރިން 2017 ވަނަ އަހަރު، އެފަދަ ގާނޫނެއް ރާއްޖޭގައިވެސް ފާސްކޮށްފައިވާ ކަމަށާއި، އެ އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމަވާފައިވާކަންވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
އެއީ ބޭސިކް ސްޓްރަކްޗާ ޑޮކްޓްރިންއާ ހިލާފު އިސްލާހެއް ކަމަށް އަލީ ހުސައިން ވިދާޅުވެފައިވާތީ، އުއްތަމަ ފަނޑިޔާރު އިއްވެވި ހުކުމްގައި ވިދާޅުވީ އެއީ ގާނޫނު އަސާސީގެ ސިޔާދަތު ރައްކާތެރި ކުރުމަށް އޮންނަ މުހިންމު ޑޮކްޓްރިންއެއް ކަމަށެވެ. ނަމަވެސް ބޭސިކް ސްޓްރަކްޗާއަކީ ކޮބައިކަން ކޯޓުން ކަނޑައެޅުމުގެ ބަދަލުގައި އެކަން މަޖިލީހަށް ކުރެވިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެެރެއިން، އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދުގެ ރައުޔަށް ތާއީދުކުރެއްވި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވާހެން، ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހުކުމް ކުރެއްވީ، އެ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ނޫން ކަމަށާއި ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައެޅޭނެ ހަމައެއް ނެތް ކަމަށެވެ.
މި ހުކުމަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް އިންގިލާބީ ބަދަލެއް ގެނުވާނެ މުހިންމު ހުކުމެކެވެ. މީގެ ކުރިން އިންތިހާބުތަކަށް ފަހު ރައްޔިތުންގެ ވޯޓުން ހޮވޭ މެންބަރުން އަމިއްލަ މަންފާއަށްޓަކައި އެހެން ޕާޓީތަކަށް ބަދަލުވުމުގެ ސަބަބުން، ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުޑަވެ، ސަރުކާރުތައް ހިންގުމަށް ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު ގާނޫނު އަސާސީގެ މި އިސްލާހު ދެމިއޮންނާނެކަން ޔަގީންވެ، ގައުމުގެ ސިޔާސީ ނިޒާމަށް އިތުރު ހަމަޖެހުން ލިބިގެންދާނެއެވެ.
ފައިސާ ދީގެން މެންބަރުން ގަތުމުގެ ސަގާފަތަށް އައި ނިމުމެއް!
މި ހުކުމުގެ އެންމެ މުހިންމު އެއް ނަތީޖާއަކީ، ފައިސާ ދީގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަތުމުގެ ނުބައި ސަގާފަތް މުޅިން ނިމުމަކަށް އައުމެވެ. މާޒީގައި ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅައިގެން މެންބަރުންގެ ޕާޓީ ބަދަލުކުރުވުމަކީ އާންމުކޮށް ހިނގަމުން އައި ކޮރަޕްޝަންގެ އަމަލެކެވެ. އެހެންނަމަވެސް، ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭނެކަން ސުޕްރީމް ކޯޓުން ކަށަވަރުކޮށްދިނުމާ ގުޅިގެން، ރައްޔިތުންގެ އަމާނާތަކަށް ހިޔާނާތްތެރިވެ ފައިސާއަށް ގޮނޑި ވިއްކާލުމުގެ ދޮރު ވަނީ އެއްކޮށް ބަންދުވެފައެވެ.
ސްޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފައިވަނީ މިއީ ގައުމުގެ ހަމަޖެހުމަށްޓަކައި ކޮންމެހެން މުހިންމު ނިންމުމެއް ކަމަށެވެ. ޕީއެންސީން ގަބޫލުކުރާ ގޮތުގައި، ގާނޫނު އަސާސީއަށް ގެނެވުނު މި އިސްލާހުގެ ސަބަބުން މަޖިލީހުގެ ތެރޭގައި ފައިސާގެ ނުފޫޒު ހިންގުން ހުއްޓުވި، ރައްޔިތުން މެންބަރުންނާ ހަވާލުކުރާ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިއީ ޑިމޮކްރެސީ ހަރުދަނާކޮށް، ރައްޔިތުންގެ ބާރުވެރިކަން ކަށަވަރުކުރުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއްކަމަށް ޕީއެންސީން ވަނީ ފާހަގަކޮށްފައެވެ.
ތެދެކެވެ. ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަކީ ގައުމުގެ ސިޔާސީ ހަމަޖެހުމާއި ކޮރަޕްޝަން ހުއްޓުވުމަށްވެސް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. އެ ގާނޫނުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮންނަ ”ގަނެވިއްކުމުގެ“ ސަފާގަތަށް ނިމުމެއް ވަނީ އައިސްފައެވެ.




