އިދިކޮޅު އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރިމަތިލައްވަން ނިންމަވައިފިއެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާތް ﷲ ގެ ވާގިފުޅާ އެކުގައި އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ގަސްދު ކުރައްވާ ކަމަށެވެ. ޝާހިދު އިތުރަށް ވިދާޅުވީ، އާ ފޯރި އާއި އާ ޖޯޝަކާ އެކު، އާ ބާރެއްގައި އެމްޑީޕީ ނުކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިއުމަށް އެންމެން އެކުވެ، އަތުގުޅާލަންވެއްޖެ ކަމަށެވެ.
މާތް ﷲގެ ވާގިފުޅާއި އެކު އެމް ޑީ ޕީ ގެ @MDPSecretariat ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމަށް އަޅުގަނޑު ގަސްތުކޮށްފީމެވެ.
އައު ފޯރިޔަކާއި އައު ޖޯޝަކާއި އެކު، އާބާރެއްގައި އެމް ޑީ ޕީ ނިކުމެ ރައްޔިތުން އެދޭމިސްރާބަށް ރަާއްޖެ އަލުން ގެންދިޔުމަށް އެންމެންއެކުވެ… pic.twitter.com/wuxMnG1kiN
— Abdulla Shahid (@abdulla_shahid) February 18, 2024
އެމްޑިޕީގެ ރައީސްގެ މަގާމު ހުސްވީ، ދެ ދައުރުގައި އެ މަގާމު ފުރުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ. މިހާރު އެމްޑީޕީގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިހާތަނަށް އައިއިރު އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރެއްވީ ޝާހިދު އެކަންޏެވެ.
ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާ އެކު ހުންނެވުމަށް ފަހު، ދެ ވަނަ ބުރުގައި އޭރުގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ފަހަތަށް އެރުވުމަށް ފަހުގައެވެ. ޝާހިދު، ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަތް އިރު، ހުންނެވީ މަޖިލިހުގެ ރައީސް ކަމުގައެވެ.
އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.