ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނޫސްވެރިކަމުގެ ދާއިރާއަށް ދެއްވަމުން ގެންދަވަނީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނުދޭ ފަދަ ފުރިހަމަ މިނިވަންކަމެއް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ ލަމްއާން ވިދާޅުވެއްޖެއެވެ.
ލަމްއާން މިފަދައިން ވިދާޅުވީ މިހާރުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ދެއްވާ އަހައްމިއްޔަތުކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ. މުޢިއްޒަކީ ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ، އަދި ނޫސްވެރިންގެ ސުވާލުތަކަށް ވަގުތުން ވަގުތަށް ޖަވާބުދެއްވުމަށް އިސްކަންދެއްވާ ވެރިއެކެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ނޫސްވެރިންނަށް ސަރުކާރުގެ އެންމެ މަތީ ފަންތިން މިހާ ބޮޑު އެއްބާރުލުމެއް ލިބޭ ފުރަތަމަ ފަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ޑރ.މުއިއްޒު ވަނީ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް ނުދޭވަރުގެ މިނިވަންކަމެއް ވަރަށް ބޮޑަށް ދެއްވާފަ. އަދި އެމަނިކުފާނަކީ ނޫސްވެރިންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާވެރިއެއް. ނޫސްވެރިކަމުގެ މިނިވަންކަން ދެއްވާފައޮތީ ދޮގާއި ފިތުނަ ފަތުރާކަށްނޫން @MMuizzu
— Lam’aan (@mohamedlamaan) April 28, 2026
ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ލަމްއާން ވިދާޅުވީ، ރައީސް ޑރ. މުއިއްޒު މިނިވަންކަން ދެއްވާފައިވަނީ ޒިންމާދާރު ނޫސްވެރިކަމެއް ކުރިއެރުވުމަށް ކަމަށެވެ. އަދި އެ މިނިވަންކަމަކީ ދޮގު މަޢުލޫމާތު ފެތުރުމަށާއި، މުޖުތަމަޢުގައި ފިތުނަ އުފެއްދުމަށް ދީފައިވާ ފުރުޞަތެއް ނޫންކަން އޭނާ ހަނދާންކޮށްދެއްވިއެވެ.













