މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ”ރަސްމާލެ“ މަޝްރޫޢަކީ ކޮންމެހެން ހިންގަން މަޖުބޫރު މަޝްރޫޢެއް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ރަސްމާލެ މަޝްރޫޢަކީ ކުރިއަށް އޮތް ވިހި އަހަރަށް އަމާޒުކޮށްގެން ސަރުކާރުން ރާވާފައިވާ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަކީ މިހާރު ކުރިއަށްދާ އެހެން މަޝްރޫޢުތަކަށް އޮތް ހުރަހެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ބޯހިޔާވަހިކަމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ހުޅުމާލެ ފޭސް 2 އާއި، އަލަށް ހިއްކި ފޭސް 3 ގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވާތީ، މާލެ ސަރަޙައްދުގައި ފްލެޓް އެޅުމަށް ބޭނުންވާނެ އިތުރު ބިން މިހާރު ނެތް ކަމަށެވެ.
”މިދިޔަ ސަރުކާރުގައި ހުޅުމާލެ ފޭސް ދޭއްގެ ހުރި ހުރިހާ ބިންތަކެއްވެސް، ފޭސް ތިނެއް ހިއްކާފަ އެތަނުގަ ހުރި ހުރިހާ ބިންތަކެއްވެސް، ގުޅީފަޅާއި ގިރާވަރުގެ ހުރިހާ ތަނެއްގައި ވަނީ ގޯތި ދީފައި. އެހެންވީމަ މިހާރު މި މާލެ ސަރަޙައްދުގައި ރައްޔިތުންނަށް ބޭނުންވާ ފްލެޓް އެޅުމަށްޓަކައި ބިމެއް ނެތް،“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ގްރޭޓަރ މާލެ ސަރަޙައްދުގައި މިހާރު ހުރި ހުރިހާ ބިމެއް އެއްކޮށްލައިގެންވެސް އެޅޭނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 12,000 ފްލެޓެވެ.
އެހެންކަމުން، މުސްތަޤުބަލަށް ވިސްނައި، ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްޓަކައި ރަސްމާލެ މަޝްރޫޢު ނޫން އެހެން ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ގުޅީފަޅާއި، ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް 3 ގައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތްތައް ޤާއިމުކޮށް، ރައްޔިތުންނަށް އެތަންތަން ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ހުރި ނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.













