ދެހާސް ބާވީސްވަނަ އަހަރުގެ އަހަރުގެ އޯގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ތެރޭގައި ފުވައްމުލަކު ސިޓީ އަށް ނިސްބަތްވާ ޝިއާއު މުހައްމަދު މަރާލި މައްސަލައިގައި ބޭނުންކުރި ވަޅިތަކާއި އަންނައުނުތައް ކްރިމިނަލް ކޯޓުގެ ޝަރީއަތަށް ގެންގޮސް، ދައްކާލައިފި އެވެ.
ޝިއާއު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދިނުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރަނީ ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދާ އެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި، މާއްދީ ހެކިތަކެއް ކޯޓަށް ގެނެސް ދެއްކުމަށްފަހު އެ ހެކިތަކާ ބެހޭގޮތުން ވާހަކަ ދައްކާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ކޯޓަށް ގެނެސް ދެއްކީ އެ ހަމަލާގައި ބޭނުންކުރި ކަމަށް ތުހުމަތުވާ ތިން ވަޅިއަކާއި ސާހިލްގެ ޓީޝާޓަކާއި ސޯޓަކާއި ހެދުމަކާއި ޝިއާއު ބޭނުންކުރި ތިން ހެދުމެއް ކަމަށެވެ.
އެ މައްސަލާގައި މިއަދުގެ އަޑުއެހުމުގައި ހުލާސާ ބަޔާން ހުށަހަޅާ ގޮތަށް ކުރިން ހަމަޖެއްސި ނަމަވެސް، ކޯޓުގައި އެކަނި ބެލޭ ގޮތަށް ރައްކާތެރިކޮށްފައިވާ ހެކިތަކެއް ބަލަން ސާހިލްގެ ފަރާތުން އެދުމުން އެ ފުރުސަތު މިއަދު ދީފައިވާތީ ހުލާސާ ބަޔާން ހުށަހެޅުން އެހެން ދުވަހަކަށް ވަނީ ފަސްކޮށްފައެވެ.
ޝިއާއުގެ މަރުގެ މައްސަލައިގައި ޝާހިލަށް ފަސް ދައުވާއެއް ކޮށްފައިވެއެވެ. ޝާހިލްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އިތުރު ހަތަރު ދައުވާ ހިމެނެއެވެ.













