މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިން ބޭފުޅަކު ޢައްޔަނުކުރެއްވުމާ ގުޅިގެން، އެކަމުގެ ތަފްޞީލު ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ނޫސްބަޔާނެއް ނެރުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެމްބެސެޑަރ އެޓް ލާޖްކަމުގެ މަޤާމަށް މިފަހުން ޢައްޔަނު ކުރައްވާފައިވާ ތިން ބޭފުޅުންނަކީ އަލްފާޟިލް އާދަމް ޝަރީފު ޢުމަރާއި، އަލްފާޟިލް ޠާރިޤު އިބްރާހީމް އަދި އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދުއެވެ.
މިކަމާ ގުޅޭގޮތުން ޗީފް ސްޕޯކްސްޕާސަން ނެރުއްވި ބަޔާނުގައި ބުނީ، އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް މި ބޭފުޅުން ޢައްޔަނު ކުރެއްވީ ހުސްވެފައިވާ ސަފީރުންގެ މަޤާމުތަކަށް ބޭފުޅުން ޢައްޔަނު ކުރެއްވުމަށް ކަނޑައެޅިފައިވާ އިޖުރާއާތުގެ ތެރެއިން ކަމަށެވެ. އަދި މިއީ އަލަށް އުފައްދަވާފައިވާ މަޤާމުތަކެއް ނޫންކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ، މި މަޤާމުތަކަކީ ސަފީރުކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަނުކުރުމުގެ މަރުޙަލާގެ ތެރެއިން އޮންނަ ކަމެއް ކަމަށް ވީނަމަވެސް، ބައެއް މީޑިއާތަކަށް މިކަން ސާފުވެފައި ނުވާތީ ހުރިހާ ފަރާތްތަކެއްގެ މަޢުލޫމާތަށްޓަކައި މިކަން ހިއްސާކުރެއްވީ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑ.ރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ ޚާރިޖީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ތަޖުރިބާކާރު ބޭފުޅުން އެކި މަޤާމުތަކަށް ޢައްޔަނުކުރައްވަމުންނެވެ.











