ބުލީ ކުރުން ހުއްޓުވަން ”އެންޓި ބުލީ“ ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ރައީސް ވިދާޅުވީ ބުލީ ކުރުމަކީ ”ޑީޕް ރޫޓެޑް އިންޓަ ކަނެކްޓެޑް“ ވަރަށް ބައިވަރު މައްސަލަތައް ހިމެނޭ މައްސަލައެއް ކަމަށެވެ.
ރައީސް ވިދާޅުވީ ބުލީކުރުން ގާނޫނީ ނިޒާމުގެ ތެރެއިން ހުއްޓުވުމަށް، ބުލީ ކުރުން އެއީ ގާނޫނީ ކުށެއް ކަމަށް ކަނޑައަޅައި، އެންޓި ބުލީ ގާނޫނެއް ހެދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީސް، އޭޖީ އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ބިލް ޑްރާފްޓުކުރުމުގައި ފަންނީ މާހިރުންގެ ލަފާ ހޯދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ގާނޫނުގައި ސާފުކޮށް ބުލީގެ އަމަލުތައް ބަޔާން ކުރާނެ ކަމަށާއި އަދި ގާނޫނު ހިނގާ ދާއިރާތައްވެސް ބަޔާން ކުރާނެ ކަމަށެވެ.
”މި ގާނޫނުގައި އަޅުގަނޑުމެން ވަރަށް ސާފުކޮށް ބަޔާންކުރާނަން ބުލީ ކުރުމުގެ އަމަލުތައް. ކޮން ގޮތަކަށް ކުށަކަށްވާ ކަމެއްކަން. ގާނޫނު ހިނގާ ދާއިރާތައް ކަނޑައެޅިގެން ދާނެ. އޭގެ ތެރޭގައި ސްކޫލު ތަކާއި އެހެނިހެން ތައުލީމީ މަރުކަޒުތަކާއި އެ ތަންތަނުގައި ކިޔަވާ ކުދިންނާއި މަސައްކަތްކުރާ ފަރާތްތައް. އަދި ވަޒީފާގެ މާހައުލުގަ އާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެ ތަންތަނުން ހިދުމަތް ލިބިގަންނަ މީހުން ހިމެނޭހެން ވަރަށް ތަފްސީލުކޮށް މި ބިލުގައި ފާހަގަކުރާނަން،“ ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، އޮންލައިކޮށް ނުވަތަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ބުލީކުރުން ހުއްޓުވުމަށް ވެސް ވަކިން އެ ގާނޫނުގައި ބައެއް ހިމަނާނެ ކަމަށެވެ.













