ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކ. އަދި ވ. އަތޮޅުގައި މި ޕްރޮގްރާމް ފަށައިފިއެވެ.
މިއީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް، ބަލިތައް އަވަހަށް ދެނެގަތުމަށްޓަކައި ފެށި މުހިއްމު ޕްރޮގްރާމެކެވެ. ކ. ތުލުސްދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވައި، މި ޕްރޮގްރާމާއި މި ޕްރޮގްރާމްގެ ކޮމިއުނިކޭޝަން ކެމްޕޭން އިފްތިތާހްކޮށްދެއްވީ ހެލްތް މިނިސްޓަރު ޤީލާ ޢަލީއެވެ.
ހެލްތް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމަކީ ރައްޔިތުންނާއި ވީހާވެސް ގާތުން، އިތުބާރު ހުރި، ފެންވަރު ރަނގަޅު އަދި ވަށައިޖެހޭ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މިއީ ބޮޑު ބައްޔެއްވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަ އަށަގަންނުވައި، ބަލިތައް އަވަހަށް ދެނެގަތުމަށް އިސްކަންދޭ ނިޒާމެއް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.
ހެލްތް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން އާންމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ މެޑިކަލް ހިސްޓްރީ ނެގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި އެ މީހަކު މިހާތަނަށް ކޮށްފައިވާ ބޭސްފަރުވާގެ ހުރިހާ މައުލޫމާތެއް ހިމެނެއެވެ. އަދި ހަމައެހެންމެ، ސިއްހީ ހިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް، ސިއްހީ މައުލޫމާތުދީ، އެކިއެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އިރުޝާދު ދިނުމަކީ މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މުހިންމު ބައެކެވެ.
މިހާތަނަށް 13 އަތޮޅެއްގައި މި ޕްރޮގްރާމް ފަށާފައިވާއިރު ސަރުކާރުގެ އަމާޒަކީ، މި ހިނގާ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް މި ހިދުމަތް ފުޅާކުރުމެވެ.













