މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2026 އޭޕްރީލް 24 ވާ ދުވަހުއެވެ. އެ މީހާ ބަންދު ގޮޅީގެ ތެރޭގައި ހަބަރު ހުސްވެފައި އޮއްވާ ފެނުމުން، އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް، އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި މީހެކެވެ.
މި މަރުގެ ހާދިސާއާ ގުޅޭ މައުލޫމާތު މިހާރު ވަނީ ކަމާބެހޭ މުއައްސަސާތައް ކަމަށްވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހިއްސާކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.











