ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ ރައީސާއި ނައިބު ރައީސް ވަކި ކުރުމަށްޓަކައި މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުގުނާގޮތަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ބަންޑާރަނައިބުގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު އަމުރު ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ)، އަދި (ވ) އަށް ގެނެސްފައިވާ އިޞްލާޙުތަކަށް މިވަގުތަށް ޢަމަލުނުކުރުމަށެވެ.
އެ އަމުރުގައި ބުނެފައިވަނީ މެމްބަރުންގެ އަދަދު ގުނާނެ ގޮތާ ބެހޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް ކަމަށް ދައުލަތުން ތުހުމަތު ކުރާ ހާލަތެއްގައި، އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.