Sunday, 26 July 2026

Ads by

ސުލްޙައިގެ ނަމުގައި އިސްތިއުމާރު: އެމެރިކާގެ ’ސީސްފަޔަރ‘ ގެ ދަށުން ލުބުނާނުގައި އިޒްރޭލުގެ އަސްކަރީ ބާރު ގަދަކުރަނީ

އެކި ގްރެފިކްސް: ޙުސެން ފައުޒާން އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީން ބުނާ ގޮތުގައި އިޒްރޭލުގެ ޙަމަލާތަކުގެ ސަބަބުން ލުބުނާނުގެ ގާތްގަނޑަކަށް 1.3 މިލިއަން މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ. މީގެ ތެރެއިން ގިނަ ބަޔަކީ 2024 ވަނަ އަހަރުވެސް އެމީހުންގެ ގެދޮރު ދޫކޮށް ދާން މަޖުބޫރުވި މީހުންނެވެ. (ސީ.އެން.އެން)

އިޒްރޭލުން ލުބުނާނަށް ދެމެދުންދާ ނިރުބަވެރި ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން (ސީސްފަޔަރ) އިތުރު 21 ދުވަހަށް ދިގުދަންމާލަން ނިންމިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް މައިދާނުގެ ޙާލަތަށް ބަލާއިރު، މި ޑިޕްލޮމެޓިކް ނިންމުމާއި ޢަމަލީ މަންޒަރާ ދެމެދު ބޮޑު ތަފާތެއް ވެއެވެ. ލުބުނާނުގެ ރައްޔިތުންނާއި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، މިއީ ހަމައެކަނި ސުލްޙައިގެ ފިޔަވަޅެއް ނޫނެވެ؛ މިއީ އެމެރިކާ މެދުވެރިވެގެން ގެނައި ”ސީސްފަޔަރ“ ގެ ވަގުތު ބޭނުންކޮށްގެން، ޔަހޫދީ އިސްތިއުމާރުން ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކުގައި އެމީހުންގެ އަސްކަރީ ކޮންޓްރޯލް އިތުރަށް ވަރުގަދަކުރުމަށް ހޯދި ފުރުޞަތެކެވެ.

އަސްކަރީ އިސްތިއުމާރު: ލުބުނާނުގައި އިޒްރޭލުން ކަނޑައެޅި އާ ’ރީނދޫ ރޮނގު‘ (އަލް ޖަޒީރާ)

ޙަމަލާތަކާއި ޖަވާބުދާރީކުރުވުން
މި ”ސީސްފަޔަރ“ ގެ ނާޒުކުކަން، އެއްބަސްވުން އާކުރުމަށް ލުބުނާނުގެ ވަފުދުން ވޮޝިންގޓަނަށް ދިއުމުގެ ކުރިންވެސް ވަނީ ހާމަވެފައެވެ. ފުރަތަމަ އިޢުލާނުކުރި 10 ދުވަހުގެ ސީސްފަޔަރގެ ތެރޭގައިވެސް، އިޒްރޭލުން ލުބުނާނުގެ ދެކުނަށް ދިން ޙަމަލާތަކެއްގައި 3 މީހުން ވަނީ މަރުވެފައެވެ.

ހަމަލާތައް ހުއްޓާލުމަށް އަމަލުކުރަން ފެށިތާ ޖެހިގެން އައި ދުވަހު، 17 އޭޕްރީލް 2026 ގައި ލުބުނާނުގެ އަރްނޫންގައި، އޭނާގެ ދެ ފިރިހެން ދަރިން ގެއްލިފައިވާ މީހަކު އޭނާގެ ދަރީންގެ ހަށިގަނޑު އިމާރާތްތަކުގެ ކުނިބުނިތަކުގެ ދަށުން ފެނޭތޯ ހޯދަނީ. (ލެ މޮންޑް)

މި ޙާދިސާތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވުމުން، އެއްބަސްވުންތައް ތަންފީޒުކުރުމުގައި ބައިނަލްއަޤްވާމީ ނިޒާމު އޮތް ނުކުޅެދުންތެރިކަން ހާމަވެއެވެ. އަދި އެމެރިކާގެ ޙިމާޔަތުގެ ދަށުގައި އިޒްރޭލުން އެއްބަސްވުމާ ޚިލާފުވި ނަމަވެސް، ޑިޕްލޮމެޓިކް ގޮތުން ޖަވާބުދާރީ ކުރުވުމުގެ ބާރު ކުޑަކަން މިއިން ސާބިތުވެއެވެ.

ޣައްޒާގައި ކަންކުރި އުސޫލު: 14 އޭޕްރީލްގައި ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، ދެކުނު ލުބުނާނުގެ ބިންތު ޖުބައިލްގެ މެދުތެރެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ފެންނަން ހުރި އަޅިކުލައިގެ ކުނިބުނިތަކުން ދޭހަވަނީ އެއީ ގޮއްވާލައިގެން ތަންތަން ހަލާކުކޮށްލުމުން ފެންނަ ފަދަ އަލިފާނުގެ އަސަރުކަމެވެ. 23 އޭޕްރީލް އާ ހަމައަށް އައިއިރު، އެތަނުގައި ބާކީ ހުރި އިމާރާތްތަކާއި ބިނާތައް ވަނީ އެއްކޮށް ބިމާ ހަމަކޮށްލާފައެވެ. [އެއަރބަސް]“
ބަފަރ ޒޯންގައި ޔަހޫޫދީ އިސްތިއުމާރުގެ ވަކިހިއްޕައިލުން
އާކުރި 21 ދުވަހުގެ ސީސްފަޔަރ ވެސް އޮތީ ނާޒުކު ފައްތަރެއްގައެވެ. އދ. ގެ ސުލްޙަ ބަލަހައްޓާ ފައުޖު (ޔުނިފިލް) އިން ރިޕޯޓުކުރާ ގޮތުގައި ބޯޑަރު (ބްލޫ ލައިން) ސަރަޙައްދުގައި ދޭތެރެދޭތެރެއިން ދަނީ ޙަމަލާ ބަދަލުކުރަމުންނެވެ. އެމެރިކާއިން މިއީ ޑިޕްލޮމެޓިކް ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ލުބުނާނުގެ އޮފިޝަލުން ވަނީ މީގެ އަސްލު އަސްކަރީ މަޤްޞަދު ފާހަގަކޮށްފައެވެ.

17 އޭޕްރީލް 2026 ގައި ދެކުނު ލުބުނާނުގެ އަވަށެއް ކަމަށްވާ މައިސް އަލް-ޖަބަލްގައި، އިޒްރޭލުގެ އަސްކަރިއްޔާގެ އާމަރޑް އުޅަނދުތަކާއި އެކްސްކަވޭޓަރުތައް ބޭނުންކޮށްގެން ގެތައް ތަޅާލަނީ. [އޭ.އެފް.ޕީ]
އިޒްރޭލުން ދަނީ ލުބުނާނުގެ ސަރުކާރަށް ހެޒްބޮއްލާ އާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އަދި ހަމަ އެއާއެކު، ލުބުނާނުގެ ސަރަޙައްދުގެ އެތެރެއިން 10 ކިލޯމީޓަރުގެ ”ސެކިއުރިޓީ ޒޯނެއް“ ވަނީ އިޒްރޭލު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، ވަރަށް ބޮޑަށް މިލިޓަރައިޒްކޮށްފައެވެ. ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އިޒްރޭލުން މި 21 ދުވަހުގެ ސީސްފަޔަރ ބޭނުންކުރަނީ މި ހިފާފައިވާ 10 ކިލޯމީޓަރުގެ ބިމުގައި އަސްކަރީ މަރުކަޒުތައް ހަދައި، އެމީހުންގެ އޮޕަރޭޝަނަލް ކޮންޓްރޯލް ދާއިމީކުރުމަށެވެ. މިއީ ސީދާ ސުލްޙައިގެ ފިޔަވަޅަކަށްވުރެ ބޮޑަށް، ހަނގުރާމައިގެ ޕްރެޝަރާ ނުލައި ލުބުނާނުގެ ދެކުނުގައި އިޒްރޭލުގެ އަސްކަރީ ބާރު ވަރުގަދަކުރުމަށް ލިބުނު ޓެކްޓިކަލް ވަގުތުކޮޅެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް