މާލޭގައި ހުންނަ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަނާލު (މަޖުދުއްދީން ދަނާލު) ގައި 18 އަހަރުގެ އަންހެން ކުއްޖަކު ނިޔާވި މައްސަލައާ ގުޅިގެން ދަނާލުގެ ވެރިޔާ އަޙްމަދު ޝަފީޤު (ސައްޕެ) ރެއިން ފެށިގެން ސަސްޕެންޑްކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު، އެމްއެންޔޫގެ ދަނާލުގައި ނިޔާވެފައި އޮއްވާ ފެނުނު 18 އަހަރުގެ މަރްޔަމް ހާސިދާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދިޔަ ކުއްޖެކެވެ. ޝަފީޤު ސަސްޕެންޑްކޮށްފައި މިވަނީ ހާސިދާގެ ބައްޔާބެހޭ އެއްވެސް މައުލޫމާތެއް ޔުނިވަރސިޓީގެ ވެރިންނާއި ހިއްސާނުކުރުމުގެ ސަބަބުންނެވެ.
އެގޮތުން ހުސްވި މާރިޗް މަހު އެ ކުއްޖާގެ ހާލަތު ގޯސްވެ، ކުއްލި ގޮތަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް މި މައްސަލައާއި ބެހޭ އެއްވެސް މައުލޫމާތެއް އެމްއެންޔޫގެ ވެރިންނާ ޝަފީޤު ހިއްސާކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވަނީ އެ ކުއްޖާ ނިޔާވި ރޭ ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ނޫސްވެރިންނާ ހައްސާކުރައްވައިފައެވެ. އެގޮތުން އެ ކުއްޖާ އަކީ ނަފްސާނީ ބަލި ތަހައްމަލް ކުރަމުންދާ އަދި އެކަމަށް ފަރުވާ ހޯދަމުންދިޔަ ކުއްޖެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަނާލުގައި ނިޔާވި އަންހެން ކުއްޖާ މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅިކަމަށް ބުނެ މީސް މީޑިއާގައި ފަތުރަމުން އަންނަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ ކުއްޖާ ނިޔާވުމުގެ ކުރިން ކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ވިކްޓިމް ސަޕޯޓްގެ ވައިބަރ ނަންބަރަށް މެސެޖެއް ކަމަށާއި އަދި އެ ކުއްޖާއަކީ މީގެ ކުރިން ވެސް ފުލުހުންގެ ވިކްޓިމް ސަޕޯޓުގެ ވައިބަރ ނަންބަރަށް މެސެޖުކުރާ ކުއްޖެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.













