ރިސޯޓުތަކުގެ މުވައްޒަފުންނަށް ޑޮލަރުން ސާވިސް ޗާޖު ދޭން މަޖުބޫރުވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފިއެވެ.
އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ.
އެ ބިލު މަޖިލީހަށް ބަލައިގަތީ، މިއަދުގެ ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 67 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމުން އިތުރަށް އެ ބިލް ދިރާސާކުރަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ނިންމައިފައެވެ.
ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި އެ ބިލުގައި ބުނެފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގައި ހިދުމަތްދޭ ތަންތަނުން ސާވިސް ޗާޖް ނެގުމަށްފަހު މުވައްޒަފުންގެ މެދުގައި ބަހަން ޖެހޭ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެގޮތަށް ނަގާ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ބަހާތީ އޭގެ މަންފާ މުވައްޒަފުންނަށް ލިބުމަށް ހުރަސް އެޅޭތީ ކަމަށެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާއަށް ގެންނަން މި ބިލުގައި ހުށަހަޅާފައިވާ އިސްލާހުތައް:
- ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭއިރު ދިވެހި ރުފިޔާއަށް އެ ފައިސާ މާރުކޮށްގެން ނުވާނެ ކަން
- ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭން ޖެހެނީ އެ ފައިސާއެއް ލިބުނު ކަރަންސީއަކުންކަން
- ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ހޮޓާތަކުގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތްތަކުގައި، އެހެން ކުންފުންޏެއްގެ ފަރާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖް ދޭން ޖެހޭ ގޮތަށް ހަމަޖެއްސުން
އައުޓްސޯސް ކޮށްގެން ދޭ ހިދުމަތްތަކަށް ސާވިސްޗާޖް ދޭން ޖެހޭގޮތަށް މިހާރު ގާނޫނަކު ނޯވެއެވެ. މިހާރު އޮންނަ ގޮތުން އެ މުވައްޒަފުންނަށް މުސާރަ ދޭނީވެސް ރިސޯޓްތަކުން ނޫނެވެ. ތާޑް ޕާޓީއަށް ސާވިސް ޗާޖު ނުލިބުމަކީ އެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.












