ޗައިނާގެ ސަންޔާގައި ކުރިއަށްދާ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފްލެގް ބެއަރާސްގެ ގޮތުގައި އެތުލެޓިކްސް ތަރި އަހްނާ ނިޒާރާއި ބީޗް ހޭންޑްބޯޅަ ޓީމުގެ ކެޕްޓަން ޝަމްނޫޒް މުހައްމަދު ނައީމް ހަމަޖައްސައި، ރަސްމީކޮށް ދިދަ ހަވާލު ކޮށްފިއެވެ.
ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގައި ޖުމްލަ 27 އެތްލީޓުންނާއެކު ރާއްޖޭން ވާދަކުރަނީ ބީޗް ހޭންޑްބޯޅައާއި ބީޗް އެތުލެޓިކްސްގެ އިތުރުން ބީޗް ވޮލީބޯޅަ އަދި އޯޕަން ވޯޓާ ސްވިމިންގައެވެ.
މިއަދު އޮންނަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ވިހުރުވާލާނެ ފްލެގް ބެއަރާސްއާ ރަސްމީކޮށް ދިދަ ހަވާލުކޮށްދެއްވީ އެތުލީޓްސް ވިލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއް ސައްތާރާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލެވެ.
ފްލެގް ބެއަރާސްގެ ގޮތުގައި ހަމަޖެހިގެން ދިޔަ ދެ އެތުލީޓުންނަކީ މީގެ ކުރީންވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް، ކާމިޔާބުވެސް ހޯދާފައިވާ ދެ އެތުލީޓުންނެވެ.













