ހއ. ބާރަށު ކައުންސިލަށް އިންތިޚާބުވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކައުންސިލަރުން ހުވާކޮށް މަގާމާ ހަވާލުވުމަށްފަހު، އެންމެ ފުރަތަމަ ކުރިއަށްގެންދާނެ އެންމެ މުހިއްމު މަސައްކަތަކީ އެ ރަށުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ޤާއިމްކުރުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަށުގެ އައު މިސްކިތުގައި ހިމެނޭ ޤުރުއާނާ ބެހޭ މަރުކަޒުގެ ބައި ނިމެން އަދި ދުވަސްކޮޅެއް ނަގާނެތީ، ވަގުތީ ގޮތުން އެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރަށުގެ ދެކުނު އަވަށުގައި ހުރި ކުރީގެ އަންހެނުންގެ މިސްކިތް އާބާތުރަ ފިލުވައި، އެ ތަނުގައި ޤުރުއާން ސެންޓަރުގެ ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މާތްاللهގެ ހެޔޮރަޚްމަތާއެކު ހއ.ބާރަށު ކައުންސިލަށް އިންތިޚާބުވި @pnc_secretariat ކައުންސިލަރުން ހުވާކޮށް ކައުންސިލާ ހަވާލުވުމާއެކު އެންމެ ފުރަތަމަވެސް ކުރެވިގެންދާނެ އެންމެ މުހިއްމު މަސައްކަތަކީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ހއ.ބާރަށު އައުޓްރީޗް ސެންޓަރު ޤާއިމް ކުރުމުގެ… pic.twitter.com/4mu8Xwpabf
— Ibrahim Shujau (@IbrahimShujaau) April 22, 2026
މި މަޝްރޫޢާ ގުޅޭގޮތުން ބާރަށު ކައުންސިލްގެ އިންތިޚާބީ ރައީސް ޢަލީ ޝަމީމް އާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އިސްވެރިންނާއެކު މުހިއްމު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. މި ސެންޓަރަށް ބޭނުންވާ ޓީޗަރުންނާއި، އިދާރީ މުވައްޒަފުންގެ އިތުރުން ބޭނުންވާ އިކްއިޕްމަންޓްތައް ހަމަޖައްސައިދޭނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުންނެވެ. އަދި އެތަނުގައި ކިޔަވައިދޭނެ ސިލަބަސްވެސް ކަނޑައަޅާނީ އެ މަރުކަޒުންނެވެ.
މެންބަރު ޝުޖާއު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން މިއަހަރު ރާއްޖޭގެ 50 ރަށެއްގައި އައުޓްރީޗް ސެންޓަރުތައް ޤާއިމްކުރުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި ހއ. ބާރަށް ވަނީ ހިމަނާފައެވެ. މިއީ ރަށުގައި މެދުކެނޑިފައި އޮތް ޤުރުއާނުގެ ޢިލްމު ރަށުގެ ކުދިބޮޑު އެންމެނަށް ފޯރުކޮށްދިނުމަށް ކުރެވޭ ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި، ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މި ސެންޓަރުގެ ޚިދުމަތް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކީރިތި ޤުރުއާނުގެ ޢިލްމު ފަތުރުއްވައި، އުގަންނަވައިދެއްވުމަށް ކުރައްވާ އިޚްލާސްތެރި މަސައްކަތްޕުޅަށް ޝުޖާއު ވަނީ ޝުކުރު އަދާކުރައްވާފައެވެ.












