ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކޮށް، ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިން ދުވަހަކުވެސް ނުލިބޭ ފަދަ ގިނަ ލުއިފަސޭހަތަކެއް މިހާރު ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޙައްޖުވެރިންގެ ކަންކަން ހަރުދަނާކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށެވެ. އެގޮތުން މިނާ އާއި ޢަރަފާތުގައި ޙައްޖުވެރިން ތިބޭ ތަންތަނުގެ ފެންވަރު ރަނގަޅުކޮށް، ނިދުމާއި އެހެނިހެން ޒަރޫރީ ޚިދުމަތްތައް އެތައް ގުނައަކަށް ފުރިހަމަކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އެންމެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެއްވީ ދަތުރުފަތުރުގެ ނިޒާމަށް އައި ބަދަލެވެ. ކުރީ އަހަރުތަކުގައި މައްކާއާއި މަދީނާއާ ދެމެދު ބަހުގައި ދަތުރުކުރުމަށް 10 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވި ނަމަވެސް، މިފަހަރު ހައި ސްޕީޑް ރޭލުގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހުމުން ޙައްޖުވެރިންނަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ”މައްކާ ރޫޓް“ އިނިޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިންނަށް ލިބުނު ފަސޭހަތަކަށްވެސް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.
”ކުރިން އެއާޕޯޓުގެ އިމިގްރޭޝަންގައި ވަރަށް ގިނަ ވަގުތު މަޑުކުރަންޖެހޭ. އެކަމަކު މިފަހަރު ހަމަ ދެތިން މިނެޓު ތެރޭގައި އެއާޕޯޓުން ބޭރުވެއްޖެ. އަދި އެއާލައިން ލަގޭޖްވެސް ސީދާ ހޮޓަލާ ހަމައަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި،“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ މި ހުރިހާ ބަދަލުތަކަކީވެސް ރައްޔިތުންނަށް ވީހާވެސް ފަސޭހައިން އަޅުކަން އަދާކުރެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ. މި މަސައްކަތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި އެއްބާރުލުން ފުރިހަމައަށް ލިބެމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.












