Ads by
ޚަބަރު
މާލޭއާއި ހުޅުމާލެއާ ދެމެދު ދެމުން އަންނަ އާރުޓީއެލް ބަހުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުން
ފޮޓޯ؛ އެމްޓީސީސީ

މާލޭއާއި ހުޅުމާލެއާ ދެމެދު ދެމުން އަންނަ އާރުޓީއެލް ބަހުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

Ads by Eki Online

އެމްޓީސީސީން ބުނީ ރެއިން ފެށިގެން ކޮންމެ ރެއަކު ވެސް 12:30 ގެ ފަހުން ވެސް މާލެއާއި ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އެމްޓީސީސީން ވަނީ ދަންވަރުގެ ބަސް ޝެޑިއުލްވެސް އެކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އާންމުކޮށްފައެވެ.

އެމްޓީސީސީން ބުނީ މާލެއާއި ހުޅުމާލެއާ ދެމެދު ދެމުން އަންނަ ބަހުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް ނިންމީ އެކި އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދަންވަރު ޑިއުޓީ ނިމޭ މުވައްޒަފުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން ދަންވަރު 12:30 ގެ ފަހުން ފަތިހު 5:30 ވަންދެން ކޮންމެ 1 ގަޑިއިރުން ދަތުރުތައް އޮންނާނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އެމްޓީސީސީން މާލެއާއި ހުޅުމާލެ ފޭސް 1 ދެމެދު ބަހުގެ ޚީދުމަތް ދެނީ ކޮޅަކަށް 10 ރުފިޔާގެ ރޭޓުންނެވެ. އަދި ފޭސް 2 އަށް ދަތުރުކުރަނީ ކޮޅަކަށް 15 ރުފިޔާއަށެވެ. މިހާތަނަށް ބަހުގެ ޚިދުމަތް ދެމުން އަންނަނީ ފަތިހު 5:30 އިން ދަންވަރު 12:30 އަށެވެ.

އެމްޓީސީސީން އަންނަނީ މާލެ އާއި ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތް ދިނުމުގެ އިތުރަށް މާލެ އާއި ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ވެސް ދެމުންނެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ބަހުގެ ޚިދުމަތް ދެމުން އަންނައިރު އަންނަ ހަފްތާގައި ދިއްދޫގައި ބަހުގެ ޚިދުމަތް ފެށުމަށް ވެސް އެކުންފުނިން ވަނީ ނިންމައިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *