އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު މާލޭ ސިޓީގައި ބާއްވާ އެއްވުންތަކުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއް ބުނެފައިވަނީ، ބައެއް ސިޔާސީ ޕާޓީތަކުން، ރޭގަނޑުގެ ވަގުތުގައި، ސިލްސިލާގޮތެއްގައި މާލޭ ސިޓީގައި ބާއްވަމުންގެންދާ އެއްވުންތަކުގައި، އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު ވާހަކަ ދައްކައި، އެ ވާހަކަތައް މީޑިއާގެ ޒަރީއާއިން އާންމުވެ، އެކަމުގެ ސަބަބުން އާންމުންގެ މެދުގައި ނަފުރަތު އުފައްދައި، ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ޕާޓީތަކަށް ނިސްބަތްވާ އެކި ފަރާތްތަކުން ވާހަކަދައްކައި، އާންމުވަމުންދާ ސިޔާސީ ހަރަކާތްތަކާ ގުޅިގެންނެވެ.
އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެމަތިން، އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި އެނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ހައްގެއް ކަމަށެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ ހައްގެއްކަމުގައިވީނަމަވެސް، އެ ހައްގުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން، އަނެކާގެ ހައްގުތަކަށް އިހްތިރާމް ކުޑަނުވާނެގޮތަށް ކަމަށް އެޗްއާރްސީއެމްއިން ވަނީ ބުނެފައެެވެ.
އެޗްއާރުސީއެމްއިން ވަނީ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި، މީޑިއާ އަދި މީސް މީޑިއާގެ ޒަރީއާއިން ފާޅުކުރާ ހިޔާލުތަކުގައި ވެސް، މީހުންގެ މެދުގައި ނަފްރަތު ނުއުފެއްދުމަށާއި، މުޖުތަމައުގެ ހަމަޖެހުމާއި މަސްލަހަތު ނަގާނުލުމަށް އެދިފައެވެ. އަދި، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ފާޅުކުރެވޭ ހިޔާލުތަކަކީ، ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ރޫހާ ހިލާފު އަމަލުތަކެއްކަން އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ގޮވާލައި ކުރެވޭ ހިޔާލުފާޅުކުރުންތަކަކީ، އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއްކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެފަދަ އަމަލުތައް ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ އިސް ފަރާތްތަކުން އެފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސްކުރަމުން އެޗްއާރްސީއެމްއިން ވަނީ ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން އެ ކަންކަމަށް އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ގާނޫނީ އިމުގެ ތެރެއިން އެޅުމަށް ގޮވާލައިފައެވެ.
ހަމައެއާއެކު ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ގިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ އަދި ނަފްރަތު އުފެދޭފަދަ އެއްވެސް އަމަލެއް ނުކުރުމަށް އެޗްއާރްސީއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކުން އިންތިޒާމްކުރާ ހަރަކާތްތަކުގައި އާންމު މަސްލަހަތު އިސްކޮށް، އެފަދަ ކަންކަން ނުހިނގާނެގޮތަށް ހަރަކާތްތައް ބޭއްވުމަށް އިސްކަންދިނުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް އެ ކޮމިޝަނުން ވަނީ ގޮވާލައިފައެވެ.
އެޗްއާރްސީއެމްއިން ވަނީ ހަމަޖެހިފައިވާ ގަވާއިދުތަކުގެ އަލީގައި ކުރިޔަށްގެންދެވޭ ސިޔާސީ ހަރަކާތްތައް ކުރިޔަށްގެންދިޔުމަށް ދައުލަތުގެ ސަލާމަތީ ބާރުތަކުން ވެސް ސިޔާސީ ޕާޓީތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށާއި އަދި ސިޔާސީ ޕާޓީތަކުން ވެސް ކުރިއަށްގެންދާ ހަރަކާތްތައް ސުލްހަވެރިކަމާއެކު، ކަނޑައެޅިފައިވާ ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ޕާޓީތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.













