ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ ގުޅިގެން، އަލުން ހުވާކުރެއްވި 14 ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.
ސަރުކާރުގެ ހިންގުން ހަރުދަނާކުރެއްވުމުގެ މަގުސަދުގައި، މި މަހުގެ 14 އާއި 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޒީރުންގެ މަޖިލީހުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފައެވެ. މި އިސްލާހީ ބަދަލުތަކާއެކު، ކުރިން އޮތް 20 ވުޒާރާގެ ބަދަލުގައި މިހާރު ވަނީ 15 ވުޒާރާއަށް މަދުކުރައްވައިފައެވެ. މި ބަދަލާ ގުޅިގެން 10 ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އެ ބޭފުޅުން ވިދާޅުވީ މިއީ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރު ތަންފީޒުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ.
މި ބަދަލުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ މަޖިލީހަށް އަލަށް 5 ބޭފުޅަކު އައްޔަންކުރައްވާފައެވެ. މީގެ އިތުރުން، ވުޒާރާތަކުގެ މަސްއޫލިއްޔަތުތަކަށް އައި ބަދަލުތަކާ ގުޅިގެން، ކުރިންވެސް ކެބިނެޓުގައި ހިމެނިވަޑައިގެންނެވި 9 ބޭފުޅަކު ވަނީ އަލުން މަގާމުގެ ހުވާކުރައްވާފައެވެ.
ރުހުން ހޯދުމަށް ފޮނުއްވި ވަޒީރުންގެ ލިސްޓު
ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:
ـ ހަސަން ރަޝީދު (ދިފާއީ ވަޒީރު)
ـ މޫސާ ޒަމީރު (މާލީ ވަޒީރު)
– އަލީ އިހްސާން (ދާހިލީ ވަޒީރު)
– އިރުތިޝާމް އާދަމް (ހާރިޖީ ވަޒީރު)
ـ ޑރ. އިސްމާއިލް ޝަފީއު (ތައުލީމީ ވަޒީރު)
– ގީލާ އަލީ (ސިއްހީ ވަޒީރު)
– މުހައްމަދު ސައީދު (އިގުތިސާދީ ވަޒީރު)
– އަހުމަދު ޝިޔާމް (މަސްވެރިކަމާ ބެހޭ ވަޒީރު)
ـ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު)
ـ މުހައްމަދު އަމީން (ފަތުރުވެރިކަމާ ބެހޭ ވަޒީރު)
ـ އަބްދުﷲ ރާފިއު (ޒުވާނުންނާ ބެހޭ ވަޒީރު)
ـ ހީނާ ވަލީދު (ފަންނާއި ސަގާފަތާ ބެހޭ ވަޒީރު)
ـ އަބްދުﷲ މުއްތަލިބް (ބިނާރާ ބެހޭ ވަޒީރު)
ـ އަލީ ޝަރީފް (ތިމާވެއްޓާ ބެހޭ ވަޒީރު)
ވަޒީރުންގެ މަޖިލީހަށް ގެންނެވި މި ބަދަލުތަކަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ”ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ“ އަށް ދިރާސާކުރުމަށް ފޮނުވާފައެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދައިން، ވަޒީރުންނަށް ގާނޫނީ ބާރުވެރިކަން ލިބިވަޑައިގަންނަވާނީ މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ. ވަޒީރުންނަށް ރުހުން ދިނުމާ މެދު ފަހުގެ ނިންމުން ނިންމާނީ، ކޮމިޓީގެ ރިޕޯޓަށް ރިއާޔަތްކޮށް މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.












