ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް އެ ޕާޓީން މިއަދު ރަސްމީކޮށް އިޢުލާންކޮށްފިއެވެ.
ޕީއެންސީން މިއަދު ނެރުނު އިޢުލާނެއްގައިވާ ގޮތުން، މި އިންތިޚާބުގައި ޕާޓީގެ ޓިކެޓަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވެފައިވަނީ ދެ ބޭފުޅެކެވެ. އެއީ:
މުޙައްމަދު ސިނާނު، ހުޅުދޫއާގެ، ސ. ހިތަދޫ
އަޙްމަދު ސަޢީދު، ބަލީލް، ސ. ހިތަދޫ އެވެ.‘
ހިތަދޫ އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީގެ ޕްރައިމެރީ ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އެޕްރީލް 2026 ވާ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 04:00 އާ ހަމައަށެވެ.
ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްރައިމެރީގައި ވޯޓުލުމުގެ ފުރުޞަތު ދެވޭނީ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ރަޖިސްޓްރީވެފައިވާ މެންބަރުންނަށެވެ. ވޯޓުލުން ކުރިއަށްދާނީ ހިތަދޫ އުތުރު ދާއިރާގެ އިތުރުން، ވެރިރަށް މާލޭގައި އެ ދާއިރާގެ މެންބަރުންނަށް ޚާއްޞަކޮށްގެން ބަހައްޓާ ވޯޓު ފޮށިތަކުގައެވެ.
މި އިންތިޚާބާ ގުޅޭ އެންމެހާ ކަންކަން ރާވައި ހިންގަމުންދަނީ ޕީއެންސީގެ އިންތިޚާބީ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. އިންތިޚާބު ބޭއްވުމަށް ބޭނުންވާ އިތުރު އިންތިޒާމުތަކާއި ޢަމަލުކުރަންޖެހޭ އުސޫލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އެ ކޮމިޓީގެ ފަރާތުން އާންމުކޮށް އިޢުލާން ކުރަމުންދާނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.
މި ބައި-އިލެކްޝަނަކީ ސުޕްރީމް ކޯޓުގެ ޙުކުމާއެކު، ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާންގެ ގޮނޑި ގެއްލުމުން އެދާއިރާ ތަމްސީލުކުރެއްވުމަށް ހޮވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ. މި އިންތިޚާބުގައި ގޮނޑި ގެއްލުނު ސިނާން ވާދަކުރައްވާއިރު މިއީ އޭނާއަށް ކުރިމަތިވާނެ ބޮޑު އަދި އުނދަގޫ އިންތިޚާބަކަށް ވާނެއެވެ.













