ސިއްހީ ނިޒާމު ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ ޑޮކްޓަރުންކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ޢަބްދުއްރައްޒާޤް މި މޭރުމުން ވިދާޅުވީ ދިވެހި ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން ފޮނުއްވި ހާއްސަ މެސެޖެއްގައެވެ. މީސް މީޑިއާ މެދުވެރިކޮށް ފޮނުވި އެ މެސެޖުގައި އޭނާ ވިދާޅުވީ، މުޅި ސިއްހީ ނިޒާމު ހަރުދަނާކަމާއެކު ދެމެހެއްޓުމުގައި ޑޮކްޓަރުންގެ ދައުރު ބޮޑުކަމަށެވެ. އަދި މަސައްކަތުގެ މައިދާނުގައި ކުރިމަތިވާ ނުތަނަވަސްކަމާއި ގޮންޖެހުންތަކާއިއެކުގައި ވެސް ބަލިމީހުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ޑޮކްޓަރުން ދައްކަވާ ސާބިތުކަމަކީ މުޅި ގައުމު އެކަމަކަށް ފަހުރުވެރިވާނެކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
”ސިއްހީ ނިޒާމު ހަރުދަނާކަމާއެކު ދެމެހެއްޓުމުގައި ތިބޭފުޅުން އަދާކުރައްވަނީ އެންމެ މުހިންމު ދައުރު، ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އާއިލާއާއި އަމިއްލަ ކަންކަމަށް ލިބޭ ވަގުތާއި ނިދި ގުރުބާންކޮށް ރެއާއި ދުވާލު ތިޔަ ކުރައްވާ ބުރަ މަސައްކަތަކީ އަގު ނުކުރެވޭފަދަ މާތް އިންސާނީ ހިދުމަތެއް،“ – ޢަބްދުއްރައްޒާޤް ވިދާޅުވިއެވެ.
ޢަބްދުއްރައްޒާޤް ވަނީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ޑޮކްޓަރުން ދެއްވާ އަހައްމިއްޔަތާއި ބަހައްޓަވާ ގާތްކަމާއި، އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައިފައެވެ.
މީގެ އިތުރުން ޑޮކްޓަރުންގެ ހިދުމަތްތައް މިހާރަށް ވުރެ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ބޭނުންވާ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި އަދުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ވެސް ޢަބްދުއްރައްޒާޤް ވަނީ ދެއްވައިފައެވެ.










