ދާރްފޫރު – ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވެފައިވާ ސޫދާން މިވަނީ ބަލަބަލައި ތިއްބައި އިންސާނީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައެވެ. އެޤައުމުގެ އެތައް މިލިޔަން ރައްޔިތުން ބަނޑަށް ޖެހިފައިވާއިރު، އެމީހުންނަށް ލިބެނީ ދުވާލަކު އެއް އިރުގެ ކޮއްތު ކަމަށް އެޤައުމުގައި މަސައްކަތް ކުރާ އެހީދޭ ޖަމާޢަތް ތަކުން މަޢުލޫމާތު ދެއެވެ.
އެކްޝަން ހަންގަރ، ކެއަރ އިންޓަރނޭޝަނަލް އަދި އެހީދޭ އެހެނިހެން ޖަމާޢަތްތަކުން ގުޅިގެން ނެރެފައިވާ ރިޕޯޓެއްގައި ވާގޮތުން، ސޫދާނުގެ އަސްކަރިއްޔާ އާއި ހަތިޔާރުއެޅި އާރު.އެސް.އެފް ޖަމާޢަތާ ދެމެދު ހިނގާ ހަނގުރާމައަށް މި ބުދަ ދުވަހު 3 އަހަރު ފުރެން އަންނައިރު، މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް އިންސާނީ ކާރިސާއެވެ. އަދި މީގެ ސަބަބުން ބަނޑުހައިހޫނުކަން ޢާންމުވެ، އެތައް މިލިއަން ރައްޔިތުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
އެ ރިޕޯޓުގައި އިތުރަށް ވާގޮތުން،ގަސްތުގައި ގެދޮރުން ނެރެލުމާއި ޙިޞާރުގެ އުކުޅުތަކާއި އަނިޔާވެރިކަމުން ފުރިގެންވީ ގާތްގަނޑަކަށް ތިން އަހަރުގެ ތެރޭގައި ސޫދާނުގެ ކާބޯތަކެތީގެ ނިޒާމު މިވަނީ އެއްކޮށް ފުނޑައިލެވިފައެވެ. ދަނޑަކަށް ފަހު ދަނޑެއް، މަގަކަށް ފަހު މަގެއް، މާރުކޭޓަކަށް ފަހު މާރުކޭޓެއް ސުންނާފަތި ވެގެން ގޮސް ޢާންމުވެގެންވާ ބަނޑުހައިހޫނު ކަމެއް ރައްޔިތުންގެ މައްޗަށް ވަނީ ވެރިކުރެވިފައެވެ.
ހަނގުރާމައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އުތުރު ދާރްފޫރާއި ދެކުނު ކޮރްދޮފާން ގެ ރައްޔިތުން ހައިހޫނުކަން ފިލުވުމަށްޓަކައި ކަމުންދަނީ ގެރިބަކަރީގެ ކާނާ ކަމުގައިވާ ހުޔާއި ގަސްގަހުގެ ފަތެވެ.
އެހީދޭ ޖަމާޢަތްތަކުން ބުނާގޮތުގައި، އެޖަމާޢަތްތަކުގެ އަތުގައި ހުރި ކާނާ ހުސްވުމާ ދާދި ގާތުގައި ވާއިރު، ސޫދާނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކާ މިވަނީ ކުރިމަތިލާން ޖެހިފައެވެ. މިއީ އިޤްތިޞާދީ ގޮތުން ދުނިޔެއަށް ދިމާވަމުން އަންނަ ދަތިކަމާއެކު ސޫދާނުގެ ޙާލަތު އިތުރަށް ގޮސްވެދާނެ ކަމުގެ ރަތް ސިގުނަލެކެވެ.
މަޞްދަރު: ރޮއިޓާރސް












