އެމެރިކާއާއި އީރާނުގެ ދެމެދުގައި ކުރިއަށްދާ ހަނގުރާމަ މަޑުޖައްސާލުމަށް ޕާކިސްތާނު މެދުވެރިއަކަށްވެ އޮވެ ހަދާފައިވާ އެއްބަސްވުމާއި އެތްގޮތަށް އަމަލުކުރަން ފަށާފައިވާ ކަމަށް އިއްޔެ އިޢުލާނުކުރިތާ ގަޑިއިރުތަކެއްގެ ތެރޭގައި އިޒްރޭލުން ލުބުނާނަށް ދިން ވައިގެ ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދު 254 އަކަށް އަރައިފިއެވެ. އަދި މި ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންގެ ޢަދަދު 1000 އަށްވުރެން ގިނަކަމަށްވެސް ރިޕޯޓުތަކުން ދައްކައެވެ.
އީރާނާއި އެމެރިކާގެ އެއްބަސްވުމުގައި ވާގޮތުގައި އީރާނުގެ ނުފޫޒު އޮންނަ ލުބުނާނުގެ ޝީޢީ ހިޒްބު الله ޖަމާޢަތަށް ދޭ ހަމަލާތައް ހުއްޓާލުން ހިމެނުނުކަމަށް އީރާނުން ބުނިނަމަވެސް، އެމެރިކާއާއި އިޒްރޭލުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
އިޒްރޭލުން ދިން ހަމަލާތަކުން ލިބުނު ގެއްލުމުގެ ސަބަބުން ލުބުނާނުގައި މިއަދަކީ ހިތާމަފާޅުކުރުމުގެ ދުވަހެއްކަމަށް ކަނޑައަޅާފައިވާއިރު، އިޒްރޭލުން ދެމުން ގެންދާ މި ވަރުގަދަ ހަމަލާތަކުގެ އަމާޒަކީ އީރާނު ލައްވައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފުކުރުވުންކަމަށް ފާހަގަކޮށްލެވެއެވެ.













