އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދަށް އިސްލާހު ގެނެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ”އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު“ އަށް ގެނައި 8 ވަނަ އިސްލާހުގައިވާ ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކުން އެ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ބޭނުންކުރާ ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދެއްގެ ބަދަލުގައި، އެފަދަ އެހެން އުޅަނދެއް ރަޖިސްޓަރީ ކުރަން ބޭނުންވާ ހާލަތުގައި، ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
މި އިސްލާހުގެ ދަށުން ލުއި ލިބިގެންދާނީ ކުރިން ބޭނުންކުރަމުންދިޔަ އުޅަނދު ނައްތާލުމަށްފަހު، އެ އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ޒޯނަށް އާ އުޅަނދު ރަޖިސްޓަރީ ކުރަން ބޭނުންވާ ހާލަތްތަކުގައެވެ. ނަމަވެސް، މިގޮތަށް އުޅަނދު ރަޖިސްޓަރީ ކޮށްދެވޭނީ މުހިންމު ތިން ޝަރުތެއް ފުރިހަމަވާނަމައެވެ. އެ ޝަރުތުތަކަކީ:
- އުޅަނދު ނައްތާލި ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުން.
- ނައްތާލެވޭ އުޅަނދަކީ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށް، މިހާރުވެސް ބޭނުންކުރަމުންދާ އުޅަނދަކަށް ވުން.
- ނައްތާލެވޭ އުޅަނދަކީ ފާއިތުވެދިޔަ 5 އަހަރު ދުވަހު ގަވާއިދުން އަހަރީ ފީ ދައްކާފައިވާ އުޅަނދަކަށް ވުން.
މި ބަދަލަކީ ސަރުކާރުން ވިޔަފާރިތަކަށް ބޭނުންވާ އުޅަނދުތައް އައުކުރުމުގައި ދިމާވާ އިދާރީ ދަތިތައް ހައްލުކުރުމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ގެނައި މުހިންމު ބަދަލެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި، މި އާ އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. މިއީ ވިޔަފާރިތަކަށް ކުރިމަތިވާ މާލީ އަދި އިދާރީ ބުރަ ކުޑަކޮށްދިނުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި އެ މިނިސްޓްރީން ފާހަގަކުރެއެވެ.











