Sunday, 26 July 2026

Ads by

ދުނިޔޭގެ ސަމާލުކަން އީރާނަށް ހުއްޓިފައިވާއިރު، ފަލަޞްޠީނުގައި އިޒްރޭލުގެެ އަނިޔާވެރިކަން ހުއްޓުމެއްނެތި ކުރިއަށް !

އެކި ގްރެފިކްސް : ހުސެން ފައުޒާން..

ޣައްޒާ ސިޓީ – އީރާނާއެކު ފެށިދާނެ އަސްކަރީ ކުރިމަތިލުމަކަށާއި އޭގެ ސަބަބުން އިޤްތިޞާދަށް އަތުވެދާނެ ލޮޅުންތަކަށް ބައިނަލްއަގުވާމީ މުޖުތަމަޢުގެ ސަމާލުކަން ހުއްޓިފައިވީ ނަމަވެސް، ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލުހޭދުއަށް އަދިވެސް އެއްވެސް ނިމުމެއް ނެތެވެ. މި އަނިޔާވެރިކަން ނިމިއްޖެކަމަށް ހީކުރެވުނު ނަމަވެސް، ޙަޤީގަތަކީ ޣައްޒާގެ ޙާލަތު މިހާރު ވަނީ ކުރިއަށްވުރެވެސް ގޯސްވެ، އިންތިހާ ދަރަޖައިގެ ނިކަމެތިކަމަކަށް ވެއްޓިފައެވެ. މިއީ ސަރަޙައްދީ އެހެން ބޮޑެތި މައްސަލަތަކުގެ ހިޔަނީގައި، އިޒްރޭލުން ހުއްޓުމެއްނެތި ހިންގަމުންދާ ލާއިންސާނީ އުދުވާންތައް އަދިވެސް ކުރިއަށްދާކަން ހަނދާންކޮށްދޭ ހިތާމަވެރި ޙަޤީގަތެކެވެ.

ހޯމަ ދުވަހު، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ހޯދަމުންދިޔަ ސްކޫލެއްގެ ބޭރަށް އިޒްރޭލުން ދިން ވައިގެ ޙަމަލާއެއްގައި މަދުވެގެން 10 މީހުން ޝަހީދުވެ، އިތުރު އެތައް ބަޔަކު ވަނީ ޒަޚަމްވެފައި. (ފޮޓޯ: ރޮއިޓާސް)

ހަނގުރާމަ އަދި ނުނިމޭ
މިކަން ސާބިތުކޮށްދޭ އެންމެ ފަހުގެ ޙާދިސާއަކީ، އިޒްރޭލުގެ އަނިޔާވެރިކަމުގައި ގެދޮރުން ބޭރުކޮށްލާފައިވާ އެތައް ބަޔަކު ޙިމާޔަތް ހޯދަމުންދިޔަ ސްކޫލެއްގެ ބޭރަށް އިއްޔެ އިޒްރޭލުން ދިން ވައިގެ ޙަމަލާއެވެ. މި ޙަމަލާގައި މަދުވެގެން 10 މީހުން ޝަހީދުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މި ޙަމަލާއަކީ ޣައްޒާގައި ބާކީ ހުރި އިންސާނީ އެހީތެރިކަމުގެ އުމްރާނީ ވަސީލަތްތައް ނައްތާލުމަށް އިޒްރޭލުން ރާވައިގެން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ބައެކެވެ. ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ފަލަސުރުޚީތަކުން މި ވާހަކަތައް ނުފެނުނު ކަމުގައިވިޔަސް، ބިމުގެ ހަގީގަތުން ދޭ މެސެޖަކީ ވަރަށް ސާފު މެސެޖެކެވެ. ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް އެއްވެސް ހުއްޓުމެއް ނާދެއެވެ.

އިޒްރޭލުގެ ޕާލަމެންޓުން ފަލަސްޠީނު ރައްޔިތުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރެވޭނެ ގޮތަށް ބިލް ފާސްކުރުމާ ގުޅިގެން ހުޅަނގު އައްސޭރީގެ ރާމަﷲ ގައި މީހުން މުޒާހަރާކުރަނީ. [އޭ.އެފް.ޕީ]
ސަލާމަތްނުވެވޭނެ ބަޑުހައިހޫނުކަން
އދ. އާއި ސިއްޙީ އިދާރާތަކުން ރިޕޯޓުކުރާ ގޮތުގައި، ކޮންމެ ދުވަހަކު ބަދަލުކުރެވެމުންދާ ޙަމަލާތަކާއި އަދި މުޅި ޣައްޒާ އެއްކޮށް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކުރިމަތިވެފައިވާ ”ޑަބަލް ކްރައިސިސް“ (ދެ ކާރިސާ) ގެ ސަބަބުން، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަކީ މިހާރު ނުވާނެވަރުގެ ކަމަކަށް ވަނީ ވެފައެވެ. ހަނގުރާމަ ވަގުތުން އެއްކޮށް ނުހުއްޓައިފިނަމަ، ޣައްޒާގެ 2 މިލިއަން ރައްޔިތުންނަށް ކުރިމަތިވެފައިވާ ބަޑުހައިހޫނުކަމުގެ ކާރިސާއަކީ ”ސަލާމަތްނުވެވޭނެ“ ކަމެއްކަމަށް އެހީދޭ ފަރާތްތަކުން ދަނީ އިންޒާރުދެމުންނެވެ. ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ބޭސްފަރުވާގެ ސާމާނު މިވަނީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައެވެ.

ޣައްޒާގެ ކުޑަކުއްޖެއް ހިލޭ ކާބޯތަކެތި ބަހާ ތަނަކުން ކާއެއްޗެހި ހޯދުމަށް ކުޑަކުއްޖަކު އިންތިޒާރުކުރަނީ. މިހާތަނަށް ބަނޑުހައިހޫނުކަމުގައި ފަލަސްޠީނުގެ 157 ކުޑަކުދިން ވަނީ ނިޔާވެފައި (ފޮޓޯ: މަހްމޫދު އީސާ / ރޮއިޓާސް)

އުއްމަތަށް ކުރާ އާދޭސް
ގަލްފުގައި އުފެދިފައިވާ ”ހުޅަނގު އޭޝިއާގެ ހަނގުރާމަ“ މުޅިދުނިޔޭގެ ސަމާލުކަން އެނބުރިފައިވާއިރު، އިސްލާމީ އުއްމަތުން ޣައްޒާ މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެމެރިކާޔާއި ހުޅަނގުގެ ޤައުމުތައް ބައިވެރިވެގެން އަދި ވަށައިތިބި ޢަރަބި ޤައުމުތަކުގެ ވެރިންގެ ހަނުރުހުމާއެކު އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދު އަކީ ހަމައެކަނި ޖިއޯޕޮލިޓިކަލް އަދި ހަކަތައިގެ މައްސަލަތަކުގެ ތެރެއިން ހިނގާ ކުޑަ ކަމެއް ނޫނެވެ. މިއީ އާންމު ރައްޔިތުންގެ ސަލާމަތާއި އިންސާނީ ކަރާމާތް މުޅިން ނައްތާލުމަށް ހިންގޭ ބޮޑު ޖަރީމާއެއްކަމުން، ހުރުމުޒް ކަނޑުއޮޅިއަށް ސަމާލުކަންދީ ޣައްޒާގެ މަތިން ހަނދާން ނައްތާލުމަކީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ކުރިއަށްގެންދިއުމަށް އިޒްރޭލަށް ދެވޭ ފުރުޞަތެއްކަމުގައި މެނުވީ ނުވާނެއެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް