ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ރަސްމީ ދަތުރުފުޅެއްގައި މިއަދު ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

މަޖިލިސް އިދާރާއިން ވިދާޅުވީ މި ދަތުރުފުޅަކީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް މިއަދުން ފެށިގެން މިމަހުގެ 19ގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ލަންކާގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވާ, އެތަނުގެ ވެރިންނާ ބައްދަލުކުރައްވާ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ބައްލަވާލައްވާނެ ކަމަށާއި ލަންކާގެ ޚާރިޖީ ވަޒީރާއި ސަރުކާރުގެ ބައެއް އިސްވެރިންނާވެސް މަޖިލީހުގެ ރައީސް ބައްދަލުކުރައްވާނެ ކަމަށް މަޖިލީހުން ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒުއާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމްއާއި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްގެ އިތުރުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ބައިވެރިވެވަޑައިގަންނަވާނެއެވެ.