ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް އިއްވާ ފުރަތަމަ ރިޔާސީ ބަޔާން އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އިއްވާ ގޮތަށް ރައްޔިތުންގެ މަޖިލިހުން ނިންމައިފިއެވެ.

މަޖިލީހުން ހާމަކުރި ގޮތުން، އަންނަ ދައުރުގެ މަޖިލިސް ޖަލްސާތައް ފެށުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. ޖަލްސާ ފެށުމަށް ހަމަޖައްސާފައިވަނީ އެދުވަހު ހެނދުނު 9:00 ގައެވެ.
އާ ދައުރަށް މަޖިލިސް ފަށާ އިރު، މަޖިލިހުގައި ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެއީ އެމްޑީޕީގެ 14 މެމްބަރަކު ދާދި ފަހުން ވަނީ އެ ޕާޓީ ދޫކުރައްވައި ޕީއެންސީއާ ގުޅިވަޑައިގަތުމާއި ގުޅިގެންނެވެ.
މަޖިލިހުގައި މިހާރު ތިއްބެވީ އެމްޑީޕީ ތަމްސީލުކުރާ 42 މެމްބަރުންނެވެ. އަދި ޑިމޮކްރެޓްސްގައި 13 މެމްބަރުން މަޖިލިހުގަ އެބަ ތިއްވެވިއެވެ.
އާ ދައުރަށް މަޖިލިސް ފެށިގެންދާއިރު، މެޖޯރިޓީ ޕާޓީއެއްގެ ގޮތުގައި އަދިވެސް އޮންނާނީ އެމްޑީޕީއެވެ. މައިނޯރިޓީ ޕާޓީއަށް ދެން ވެގެންދާނީ ޕީއެންސީއެެވެ.
މަޖިލިހުގެ އާ ދައުރު ފަށާ އަދި ރައީސް ޑރ. މުޢިއްްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާއިރު، މިސަރުކާރުގެ ވަޒީރުންނަށް އަދިވެސް ރައްޔިތުންގެ މަޖިލިހުން ރުހުން ދީފައެއް ނުވެއެވެ.