މަޤުބޫލު އުޒުރަކާއި ނުލައި އެމެރިކާ އާއި ޔަހޫދީން ގުޅިގެން ފެބްރުއަރީމަހު 28 އިން ފެށިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ދިގުލައިގޮސް ދުނިޔޭގެ އިޤްތިޞާދަށް ލޮޅުން އަރާފައިވަނިކޮށް ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތުގައި އުޅޭ ޤައުމުތަކުން 45 ދުވަހުގެ މުއްދަތަކަށް އެމެރިކާ-އިސްރާއީލް-އީރާނުގެ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެކްސިއޯސް ނޫހުން ރިޕޯޓްކޮށްފިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މި ބަދަލު އައި މައިގަނޑު ސަބަބަކީ އީރާނުން ދުނިޔޭގެ ތެޔޮ އެކްސްޕޯޓްކުރާ މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރުމުގެ ސަބަބުންނެވެ. އީރާނުން މި ފިޔަވަޅު އަޅާފައިވަނީ ހުއްޓުމެއްނެތި އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުން ދިފާއުވުމަށާއި، ރައްދު ދިނުމުގެ ގޮތުންނެވެ. އެހެންނަމަވެސް ބައެއް ޤައުމުތަކުން ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އީރާނުން ދަނީ ދެމުންނެވެ. މިކަމުގެ ސަބަބުން މުޅި ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް އުފުލި ޤައުމުތައް އޮތީ އިޤްތިސާދީ އަނދަވަޅެއްގެ ތުންފަތްމަތީގައެވެ.
މި ހަނގުރާމަ ހުއްޓާލުމަށް މި މަޝްވަރާތައް ކުރެވެމުންދާއިރު، އޭރުން ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް އަތުވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް އެކްސިއޯސް ނޫހުން ބުނެފައިވެއެވެ.
މި މަޝްވަރާތަކުގެ މައުލޫމާތު އެމެރިކާ، އިސްރާއީލު އަދި ސަރަހައްދީ ހަތަރު އިދާރާއަކަށް ލިބިފައިވާ ކަމަށާއި، މި މަޝްވަރާތައް ޕާކިސްތާނާއި މިސްރު އަދި ތުރުކީގެ މީޑިއޭޓަރުންގެ އެހީގައިވެސް ކުރެވެމުންދާ ކަމަަށް އެނޫހުން ރިޕޯޓުކޮށްފައިވެއެވެ. މި މައުލޫމާތު އެމެރިކާއާއި އިޒްރޭލަށް ލިބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޯފް އަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ފޮނުއްވި މެސެޖްތަކުން ކަމަށްވެއެވެ.
އެހެންނަމަވެސް، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.












