ސަރުކާރު ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން ފަށައިފިއެވެ.
އެގޮތުން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާނެކަމަށް ބުނެ، ފޯނު ކޯލެއްގައި އަސްމާ ދައްކާފައިވާ ވާހަކަތަކެއްގެ ރިކޯޑިންގ މީސް މީޑިއާގެ އެކި މަންސަތަކުގައި އަންނަނީ ދައުރުވަމުންނެވެ. މި 12 މިނެޓުގެ ފޯނު ކޯލުގެ ރިކޯޑިންގގައި އަސްމާ ވަނީ، ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ލީޑަރޝިޕްގައި ތިއްބެވި ފަރާތްތަކަކީ ދޮގުވެރި ބައެއްގެ ގޮތުގައި ސިފަކުރައްވައި، އެ ފަރާތްތަކުގެ ބޮލުގައި ދޮގު އިލްޒާމްތަކެއް އަޅުވައިފައެވެ. އަސްމާ ބުނީ ޕީއެންސީގެ ލީޑަރޝިޕުން އަންގާ އެއްވެސް އެންގުމަކަށް ބޯނުލަބާނެ ކަމަށާއި، އެ ފަރާތްތަކުން ވިދާޅުވާ އެއްވެސްކަމެއް ނުކޮށްދޭނެ ކަމަށެވެ.
އަސްމާ ބުނީ ޕީއެންސީގެ ލީޑަރޝިޕަށް އަސްމާއާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި، ޕާޓީން ވަކިކޮށް މެންބަރުކަމުގެ ގޮނޑި ވެސް އަތު ނުލެވޭނެ ކަމަށެވެ. ޕާޓީން ވަކިކޮށް މެންބަރުކަމުން ވަކިކޮށްފި ނަމަ، އެ ގޮނޑިއަށް އެމްޑީޕީގެ މެންބަރުންނާއެކު އަލުން އިންތިޚާބުވާނެ ކަމަށް އަސްމާ ވަނީ ބުނެފައެވެ. އަސްމާ ބުނި ގޮތުގައި، އެމްޑީޕީ މެންބަރުން އޭނާ އަލުން އެ ގޮނޑިއަށް އިންތިޚާބު ކުރާނީ، އޭނާއަކީ ކޮންމެ ބަޔަކަށް ވެސް ނުފޫޒު ފޯރުވޭނެ ފަދަ ފައިސާވެރިއަކަށްވީތީ ކަމަށެވެ.
”އަހަރެންގެ އަތުގައި މުއްސަނދިކަން އެބަހުރި، އަހަރެންގެ ކާމިޔާބީއަކީ އަހަރެން އަމިއްލައަށް ބިނާކުރި އެއްޗެއް، އެ މީހުންނަށް އަހަރެންގެ ގައިގައި އަތެއް ނުލެވޭނެ،“ – އެ ފޯނު ކޯލުގައި އަސްމާ ބުންޏެވެ.
މި ފޯނު ކޯލުގައި އަސްމާ ވަނީ، ޕީއެންސީއަށް ވޯޓު ނުދިނުމަށާއި، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީއަށް ބޮޑުތަނުން ނޫނެކޭ ބުނެ އެމްޑީޕީގެ ފެއިލްވެފައިވާ ވެރިކަމެއް އަލުން ގެންނަން މަސައްކަތްކުރުމަށް އެދިފައެވެ. އޭނާ ވަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން، ޕީއެންސީގެ ލީޑަރޝިޕާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޖެއްސުންކުރުން ފަދަ ކަންކަން ކުރާނެ ފަދަ މޭރުމަކުން ވެސް ވާހަކަދައްކައިފައެވެ.
އަސްމާގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ. އެގޮތުން އަސްމާއަކީ ޕާޓީއަށާއި ޕާޓީގެ އާންމު މެންބަރުންނަށް ޚިޔާނާތްތެރިވެފައިވާ މީހެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މީގެ އިތުރުން އޭނާއަކީ މަޖިލީހުގައި އިންނަ ބޭކާރު ”ބޮލެއް“ ކަމަށާއި މަޖިލީހުގައި އޭނާ ކުރާ އެއްވެސް މަސައްކަތެއް ނެތްކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ އޭނާގެ ގޮނޑި އަތުލުމަށް ގޮވާލަމުންނެވެ.












