ލޯކަލް ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފުން ތާއީދުކުރި އެއްވެސް ކެންޑިޑޭޓަކަށް ގޮނޑިއެއް ކާމިޔާބު ނުވިއެވެ.
ޕީއެންއެފްގެ ޓިކެޓު ނުދީ އަމިއްލަ ގޮތުން ޔާމީންގެ ތާއީދާއެކު ގިނައިން ކެންޑިޑޭޓުން ނެރެފައިވަނީ މާލޭގެ އެކި ދާއިރާތަކަށެވެ. އެގޮތުން ޔާމީންގެ ތާއީދާއެކުގައި މާލޭގެ މޭޔަރަކަށް ނުކުންނެވީ އެމްޑީޕީގެ ކުރީގެ މެމްބަރެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދެވެ.
ޒަރިޔަންދު، މާލޭގެ މޭޔަރު ކަމަށް އިންތިޚާބު ކުރުމަށް ޔާމީން މާލެ ސަރަޙައްދުގައި ފުޅާ ދާއިރާއެއްގައި ކެމްޕެއިން ވެސް ކުރެއްވިއެވެ. އެހެން ނަމަވެސް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޒަރިޔަންދު ދިޔައީ ތިން ވަނައަށެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ޒަރިޔަންދަށް ލިބިވަޑައިގަތީ 6،266 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %20.52 އެވެ. މާލޭގެ މޭޔަރުކަމުގެ ގޮނޑި ދިފާއު ކުރެއްވީ މިހާރު ވެސް އެ ގޮނޑި ފުރުއްވަމުން ގެންދަވާ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމެވެ. އާޒިމަށް މިހާތަނަށް އައިއިރު، 13،791 ވޯޓު ލިބިވަޑައިގެންނެވިއެވެ. އެއީ ވޯޓުލީ މީހުންގެ %45.15 އެވެ.
އާޒިމްއާ ވާދަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދާއެކުގައި ނުކުންނެވި ޕީއެންސީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލެވެ. މޫސާ ޖަލީލަށް ލިބިވަޑައިގަތީ 9،258 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %30.31 އެވެ.
ޔާމީންގެ ތާއީދާއެކު، މާލޭގެ އެހެން ބައެއް ދާއިރާތަކަށް ކެންޑިޑޭޓުން ނުކުތެވެ. އެގޮތުން، ބައެއް ކެންޑިޑޭޓުން ތިން ވަނަ އަދި ފަނު ފުލުންވެސް ދިޔައެވެ.
ބައެއް ފަރާތްތަކުން މިކަން ސިފަކުރީ ސިޔާސީ ބަދަލު ހިފުމެއްގެ ގޮތުގައެވެ. އެގޮތުން ޔާމީންގެ ތާއީދުގައި ޒަރިޔަންދު ވާދަކުރުވީ ޕީއެންސީ ކެންޑިޑޭޓަށް ލިބެންހުރި ވޯޓުތައް ބައިބައި ކުރުމުގެ މަޤުސަދުގައިކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ، އޭގެ ސަބަބުން އެމްޑީޕީގެ ކެންޑިޑޭޓު އާޒިމް، އިންތިހާބު ކާމިޔާބު ކުރުމަށް ފަސޭހަވެ ޕީއެންސީއަށް މާލޭގެ މޭޔަރު ގޮނޑި ގެއްލިފައިވާކަމަށް ގިނަ ބަޔަކު ދެކެއެވެ.
މީގެކުރިން، މާލޭގެ މޭޔަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައިވެސް ޔާމީނަށް ވަނީ ނާކާމިޔާބު ވެފައެވެ. އަދި 20 ވަނަ މަޖްލީހަސް ވާދަކުރި ޕީއެންއެފްގެ އެއްވެސް ކެންޑިޑޭޓަކަށް ގޮނޑިއެއް ނުލިބުނު ތަނުގައި މިހާތަނަށް ބައިވެރިވި ބައި- އިލެކްޝަނެއްވެސް ޔާމީނަށް ކާމިޔާބު ވެފައި ނުވެއެވެ. ސަރުކާރަށް ފާޑު ވިދާޅުވެ ހުސްގޮނޑިއާއި ފޮޓޯ ގަނޑުގެ ވާހަކަ ދައްކަވާއިރު އެ ފޮޓޯގަނޑު ޖައްސަވައިން ޔާމީނުގެ ތާއީދާއިއެކު ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މިވަނީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައެވެ.
ޕީޢެންއެފުން ކެންޑިޑޭޓަކު ނުނެރުނީ ކީއްވެތޯ ”ޢެކިއެމްވީ“ އިން ކުރި ސުވާލުގެ ޖަވާބުގައި އެޕާޓީން ބުނީ ޕާޓީން ނުނެރުނަސް އަމިއްލަގޮތުން ވާދަކުރާ ބައެއް ކެންޑިޑޭޓުންނަށް އެޕާޓީން ތާއީދުކުރަން ނިންމީކަމަށެވެ. ސަބަބު ހާމަކުރަން ޕީއެންއެފުން ވަނީ އިންކާރުކޮށްފައެވެ.








