މުޅި ރާއްޖެ އާރްޓީއެލް ފެރީގެ ޚިދުމަތުން ގުޅާލުމުގެ މަސައްކަތް މިއަހަރުގެ ޖޫންމަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ޔާސިރު ”ޕީއެސްއެމް ނިއުސް“ އަށް ދެއްވި އިންޓަވިއުއެއްގައެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތް މިހާތަނަށް 15 އަތޮޅެއްގައި ވަނީ ފަށާފައިވާއިރު، އާރްޓީއެލް ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކުގައި ފެށުމަށްޓަކައި މަސައްކަތްތައް ކުރަމުންދާކަމަށް އޭނާ ވިދޅާޅުވިއެވެ. އެގޮތުން ޒޯން 3ގައި ހިމެނޭ 4 އަތޮޅުގައި ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށާއި މިމަހުގެ ތެރޭގައި މ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ނިންމާފައިވާކަމަށް ޔާސިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޔާސިރު ވިދާޅުވީ މިހާރު އާރްޓީއެލް ނުފަށާ އޮތް ކ، އދ، އއ، ވ، އަތޮޅުގައި މި ޚިދުމަތް ފެށުމުން މުޅި ރާއްޖެ ގުޅާލެވޭނެކަމަށާއި އެކަމަށް ބޭނުންވާ ފެރީތައް ބަނުމުގެ މަސައްކަތާއި ރޫޓް މެޕްތަކާއި ޝެޑިއުލްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި މަސައްކަތް ނިމި ޖޫން މަހުގެ ތެރޭގައި މުޅި ރާއްޖޭގައި އާރްޓީއެލް ފެރީގެ ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ފެރީތައް ބަނުމުގައި ލަސްކަމެއް އައިސްފައިވާކަން ފާހަގަކުރައްވާ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އެކަމަށް ބޭނުންވާ ވަރަށް ގިނަ ވަސީލަތްތައް ގެންނަން ޖެހެނީ މެދުއިރުމަތީ ޤައުމުތަކުން ކަމަށެވެ. މިވަގުތު މެދު އިރުމަތީގެ ޙާލަތަށް ޢިޝާރާތް ކުރައްވަމުން ޔާސިރު ވަނީ ހަނގުރާމައިގެ ސަބަބުން ދަތުރުފަތުގެ އައި ލޮޅުމުގެ ސަބަބުން ބައެއް ތަކެތި ލިބުމުގައި ދަތިތަކެއް އެބަހުރިކަން ފާހަގަކުރައްވާފއެވެ. އަދި އެކަމުގެ ސަބަބުން ޝެޑިއުލިން ފަހަތަށް ޖެހުމުގެ ފުރުޞަތު އެބައޮތް ކަމަށާއި، އެހެން ނަމަވެސް ކޮންޓްރެކްޓަރާ ވަހާކަދައްކައިގެން އަވަސްކުރުމަށް މިވަގުތުވެސް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން ކަމަށްމް ޔާސިރު ވިދާޅުވިއެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތުގައި މިހާރުވެސް 35 ލޯންޗް ބޭނުން ކުރަމުންދާއިރު، އިތުރަށް 12 ލޯންޗް ދަނީ ބަންނަމުންނެވެ. ޔާސިރު ވިދާޅުވީ އާރްޓީއެލް ފެރީގެ ޚިދުމަތް މުޅި ރާއްޖޭގައި ފެށުމަށް ފަހު ދެން މަސައްކަތް ފަށާނީ އެއް އަތޮޅުން އަނެއް އަތޮޅާ ގުޅުވާލުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަމަށް އިތުރަށް ލޯންޗް ބޭނުންވާނެކަމަށާއި، ކުރިއަށް އޮތްތަނުގައި އެކި ޒޯންތައް ގުޅާލުމުގެ މަސައްކަތްވެސް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަނޑު ދަތުރުފަތުރުގެ ނިޒާމުން ދިވެހިރާއްޖެ ގުޅާލުމުގެ ގޮތުން އާރްޓިއެލްގެ ޚިދުމަތް ފެށީ، 2022ވަނަ އަހަރުގައެވެ. މިޚިދުމަތް އިތުރަށް ފުޅާކޮށް މުޅި ރާއްޖެއަށް ލުއިފަސޭހަ ކުރުމުގެ ގޮތުން މި ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. އެގޮތުން މިހާތަނަށް މި ޚިދުމަތް 15 އަތޮޅެއްގައި ވަނީ ދޭން ފަށާފައެވެ. އެއާއެކު މިހާރު 145 ރަށަކަށް ދަނީ ދަތިކަމެއްނެތި މި ޚިދުމަތް ލިބެމުންނެވެ.












