މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާ ގެއްލުން ލިބުނު ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދިއުމަށް، ބޭނުންވާ ސާމާނު ތަޢުލީމީ ވުޒާރާއިން އެ ސްކޫލަށް ފޯރުކޮށްދީ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.
މި ހާދިސާއެއް ހިނގީ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ހާދިސާގައި ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމް އަދި އެއް ކްލާސްރޫމްވަނީ އަނދާފައެވެ.
ތަޢުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް ވަނީ ޙާދިސާ ހިނގިތާ 24 ގަޑިއިރު ނުވަނީސް އެ ރަށަށް ގޮސް، ސްކޫލުގެ ޙާލަތު ބަލާފައެވެ. އަދި ކިޔަވައިދޭން ފެށުމަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވައި، އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ.
އެގޮތުން، އެއަރ ކާގޯ މެދުވެރިކޮށް 10 ކޮމްޕިއުޓަރު ސިސްޓަމާއި، 3 ޕްރިންޓަރުގެ އިތުރުން 15 ފޮށިގަނޑު ޓެކްސްޓް ފޮތް މިހާރު ވަނީ އެ ސްކޫލަށް ފޮނުވާފައެވެ.
މަޢުލޫމާތު ލިބޭގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސްޓާފްރޫމުގައި ހުރި އޭސީއެއްގައި ރޯވެގެންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ސްކޫލްގެ ޙާލަތު އެޑިއުކޭޝަން މިނިސްޓަރީން ދަނީ ގާތުން ބަލަމުން ކަމަށް ވަނީ ބުނެފައެވެ.












