ދިވެހިރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.
އެގޮތުން މިއަދު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާފައިވަނީ މިހާރު ވެސް އެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެފައިވަނީ މިހާރު ވެސް އެ މަޤާމުގައި ހުންނެވި އާދަމް އާޒިމްއެވެ. 43 އިންސައްތައަށް ވުރެ ގިނަ ވޯޓާއެކު އާޒިމް ކުރީގައި އުޅުއްވާއިރު، ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު މޫސާ ޢަލީ ޖަލީލަށް ލިބިވަޑައިގެންފައިވަނީ 28 އިންސައްތަ ވޯޓެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެންޑޯޒްކުރެއްވި ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދަށް ލިބިވަޑައިގަތީ 23 އިންސައްތަ ވޯޓެވެ.
އައްޑޫ ސިޓީގެ ވަގުތީ ނަތީޖާއަށް ބަލައިލާއިރު އެ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ، މިހާރު ވެސް އެ މަޤާމުގައި ހުންނެވި ޢަލީ ނިޒާރެވެ. ފުވައްމަލައް ސިޓީގެ މޭޔަރުކަމުގެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ އެ ސިޓީގެ މިހާރުގެ މޭޔަރު އިސްމާއިލް ރަފީޤުއެވެ.
ކުޅުދުއްފުށި ސިޓީގެ ވަގުތީ ނަތީޖާއަށް ބަލައިލާއިރު، އެ ސިޓީގެ ކައުންސިލްގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ ގޮނޑި ވެސް ކާމިޔާބުކުރެއްވީ މިހާރު ވެސް އެ މަޤާމުގައި ހުންނެވި އާތިފްއެވެ. ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ތިނަދޫ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެ ސިޓީގެ މިހާރުގެ މޭޔަރު ސަޢުދު ޢަލީއެވެ.
އެހެންކަމުން ކުރިއަށް އޮތް ފަސް އަހަރުދުވަހު ވެސް ސިޓީތަކުގެ އިދާރީ ހިންގުން އޮންނާނީ އިދިކޮޅު އެމްޑީޕީގެ އަތްދަށުގައެވެ.












