ސިޔާސީ މައިދާނަކީ ވާދަވެރިކަމާއި، ޚިޔާލުތަފާތުވުންތަކުން ފުރިގެންވާ ތަނެކެވެ. ނަމަވެސް، މި ވާދަވެރިކަމުގެ ތެރެއިންވެސް އިންސާނީ ކަރާމާތާއި، ރިވެތި އަޚުލާޤުގެ މިންގަނޑުތައް ހިފެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ދަށު ދަރަޖައިގެ ކެމްޕޭންތަކަށް އެމަނިކުފާނު ދެއްވަމުން ގެންދަވަނީ ކެތްތެރިކަމާއި، ރިވެތި ސުލޫކުގެ ނަމޫނާއެކެވެ.
މާލޭގެ މޭޔަރުކަމަށް ރައީސް މުޢިއްޒު ކުރިމަތިލެއްވި ހިސާބުން ފެށިގެން، އެމަނިކުފާނުގެ އަބުރު ކިލަނބުކުރުމަށްޓަކައި ”ނޫމަޑި“ އާއި ”މެއިޑް“ ފަދަ ނަންނަމުގައި ތަފާތު ދޮގު ވާހަކަތައް ފެތުރިއެވެ. ނަމަވެސް، އެއީ އެއްވެސް އަސާސެއް ނެތް ސާބިތުނުކުރެވޭ ދޮގުތަކެއްކަން މިއަދު މިވަނީ ހާމަވެފައެވެ. އެފަދަ ހުތުރު އިލްޒާމުތަކާއެކުވެސް ރައްޔިތުން އެމަނިކުފާނަށް އިތުބާރުކޮށް، ބޮޑު އަޣުލަބިއްޔަތަކުން މޭޔަރުކަން ހަވާލުކުރިއެވެ.
ރިޔާސީ އިންތިޚާބުގެ ދުވަސްވަރުވެސް ފެނިގެންދިޔައީ މިފަދަ ދަށު ދަރަޖައިގެ އުކުޅުތަކެވެ. ”ދޮން އަމާ“ ގެ ނަމުގައި ހިންގި ހުތުރު ކެމްޕޭނަކީ ރައީސްގެ އަބުރަށް އަރައިގަތުމަށް ހިންގި ބޮޑު ޖަރީމާއެކެވެ. އެކަމުގެ ނަތީޖާއަކަށްވީ ރައްޔިތުންގެ ރުޅިވެރިކަން އިދިކޮޅަށް އަމާޒުވެ، ރައީސް މުޢިއްޒަށް ލިބުނު ވޯޓު އިތުރުވުމެވެ.
އަނެއްކާވެސް ކައުންސިލް އިންތިޚާބަށް އައު ވާހަކަތަކެކެވެ. ފެންނަމުން މިދަނީ އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން، އަމިއްލަ ނަން ހާމަކުރަން ނުކެރޭ ބަޔަކު މޮޔަ ގޮވަމުންދާ މަންޒަރެވެ. އަންހެނަކު އަމިއްލައަށް ތިމަންނާ މިވެނި މީހަކާއެކު ޒިނޭކުރީމޭ ބުނެ އަޑުއުފުލުމަކީ، އިސްލާމީ މުޖުތަމައެއްގައި ހަޔާތްކުޑަ ކަސްބީން ނޫނީ ނުކުރާނެ ފަދަ ކަމެކެވެ. ދީނީގޮތުން ހައްދު ވާޖިބުވާފަދަ މުޑުދާރު ވާހަކަތަކެކެވެ. ފާފަވެރިވެ މާތްﷲ ހަޒުރަތުގައި ޖަވާބުދާރީވާން ޖެހޭނެކަމެކެވެ. ސިޔާސީ ބައެއްގެ ޖާރިޔާއެއްގެ ގޮތުގައި އުޅޭކަމަށް، ނަން މަޝްހޫރު އަންހެނަކު އޭނާ ބޭނުންވި މަގާމާއި ދަރަޖަ ނުލިބުމުން، މިއަދު އެ އުޅެނީ އަމިއްލަ ނަފްސު މާ މަތީގައި ބައިންދައިގެން ސަމާލުކަން ހޯދާށެވެ. ނަމަވެސް މިއީ ދިވެހި ރައްޔިތުން މިއަދު ޤަބޫލުކުރާނެ ކަންކަމެއް ނޫނެވެ.
މިހާރު ކައުންސިލް އިންތިޚާބާ ދިމާކޮށް ތިމަންނާމެންގެ ޕޮލިސީއަކީ ރައީސް މުޢިއްޒުގެ ސަރުކާރާ އިދިކީލި ޕޮލިސީއޭބުނި ނޫހެއް ބޭނުންކޮށްގެން ”އައިޝާ“ ފަދަ ވޭވޭ ހަދައިގެން ”ކަސްބީ“ އަންހެނަކު ލައްވާ ކުޅުނު ކުޅިވަރުންވެސް ހާސިލުވީ އެއްވެސް ކަމެއް ނެތެވެ. ގެއްލިގެން ދިޔައީ ޒުވާން އަންހެނެއްގެ އަބުރާ ކަރާމާތެވެ. ފުނޑުފުނޑުވީ ތުއްތު އަންހެންދަރިއެއްގެ މުޅި ދިރިއުޅުމެވެ.
އިދިކޮޅު ފަރާތްތަކުން މިފަދަ ހަޑިމުޑުދާރު ޢަމަލުތައް ހިންގަމުންދާއިރުވެސް، ރައީސް ޑރ. މުޢިއްޒުގެ ފަރާތްޕުޅުން ފެންނަނީ މަޑުމައިތިރިކަމެވެ. އެމަނިކުފާނު މި ހުރިހާ ކަމަކަށް ދެއްވަނީ ”ފިނި“ ރައްދެކެވެ. އެއީ ޤައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ޚިދުމަތުގައި ދެމިހުރުމެވެ. ޙަޤީޤީ ލީޑަރަކީ އަނެކާ އުކާ ގަލުންވެސް އިމާރާތް ބިނާކުރަން ދަންނަ މީހާއެވެ. ރައީސް މުޢިއްޒު ދައްކަވަމުން އެ ގެންދަވަނީ އެ ރިވެތި އަޚުލާގާއި ސުލޫކެވެ. އިދިކޮޅުގެ ހަަޑިމުޑުދާރު ރޭވުންތަކުން ރައީސްގެ އަޒުމަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެމަނިކުފާނު ހުންނެވީ ސާބިތުކަމާއެކު ރައްޔިތުންނާ އެކުގައެވެ. ކޮންމެ ހާލެއްގައިވެސް ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމަށެވެ. ރައްޔިތުންގެ ބޮލުގައި ސަރުކާރުތަކުން އެޅުވި ދަރަނިން ސަލާމަތްކޮށްދިނުމަށެވެ. އަބަދުވެސް ވާހަކަ ދައްކަވަނީ ނަތީޖާއިންނެވެ. އިދިކޮޅުން ލަވާ ހަޅޭކަކަށް ބެއްލެވުމެއްނެތެވެ. ކުޑަމިނުން ރައްދެއްވެސް ދެއްވިތަނެއް ނުފެނެއެވެ. ސިޔާސީ ހުރިހާ ލީޑަރުންވެސް މިފަދައިން ނަމޫނާ ލިބިގަނެގެން އުޅެގެން މެނުވީ ކާމިޔާބީއާއި ހަމަޔަށް ވާސިލެއް ނުވާނެއެވެ. ރައީސް ޑރ. މުޢިއްޒުގެ ޙަޤީޤީ ކާމިޔާބީ ގުޅިފައިވަނީ އެމަނިކުފާނުގެ ރިވެތި އަޚުލާޤާއި ސުލޫކާއެވެ.




