މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މުޢިއްޒު މިކަމަށް އެދިވަޑައިގަތީ، ކޮންގްރެސް ޕާޓީން އިންތިޒާމުކޮށްގެން ”ރައްޔިތުންގެ ބޮޑު ހިނގާލުން“ ގެ ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ރެލީ ނިންމާލުމުގެ ގޮތުން ރަސްފަންނު ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ވޯޓުލުމަކީ ހުރިހާ ފަރާތްތަކަށް ވެސް ލިބޭ އަސާސީ އަދި ޤާނޫނީ ޙައްޤެއް ކަމަށެވެ. އެހެންކަމުން އެ ޙައްޤުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ޤައުމީ ވިސްނުމުގައި ”ދޫންޏަށް“ ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
”ތިބޭފުޅުން އަޅުގަނޑުމެންނަށް އިތުބާރުކޮށް ދެއްވާ ވޯޓް ވެގެންދާނީ ތިބޭފުޅުން ފަޚުރުވެރިވާނެ ފަދަ ވޯޓަކަށް. އޭގެ ނަތީޖާ އަޅުގަނޑުމެން ނެރެދޭނެ ވޯޓަކަށް. ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު މާޔޫސްވާނެ ވޯޓަކަށް ވެގެންނުދާނެ ވޯޓަކަށް,“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށް ރަސްފަންނު ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރާ އިދިކީލަ ބަޔަކަށް ވޯޓު ދީފިކަމަށްވާ ނަމަ، އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްތަކެއް ކުރިމަތިކުރުވާނެ ކަމަށެވެ. މިއަދު ތަޖުރިބާކުރަން ޖެހިފައިމިވަނީ އެ މައްސަލަކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރާ އިދިކީލަ ބަޔަކު ކައުންސިލްތަކުގައި ތިބެ، ރަށްރަށުގައި ކުރިއަށްދާ ތަަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއަޅައި، ތަރައްޤީ ފަސްވެ ދުވަސްތަކެއް ގެއްލިގެން ދިއުމަށް އިތުރު ފުރުޞަތެއް ރައްޔިތުން ނުދިނުމަށް އިލްތިމާސް ކުރައްވައިފައެވެ.













