މާލޭ ސަރަޙައްދުގައި ސަރުކާރުން ފެށި ޓެކްސީ ލައިންގެ ޚިދުމަތް މި އަހަރުގެ ތެރޭގައި އައްޑޫ ސިޓީއާއި ހަމައަށް ފުޅާކުރުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯރޓު މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މި މޭރުމުން ވިދާޅުވީ، މާލެ ސަރަޙައްދަށް ސަރުކާރުން އަލަށް ތަޢާރަފުކުރާ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކުރުމަށް ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު އަމީން ވިދާޅުވީ، އައްޑޫ ސިޓީގައި ޓެކްސީ ލައިންގެ ޚިދުމަތް ފަށަން ނިންމީ، އެ ސިޓީއަކީ އާބާދީގެ ގޮތުން ބޮޑު ސަރަޙައްދަކަށްވެފައި، ޓެކްސީ ހޯދުމުގައި އެ ސިޓީގެ ރައްޔިތުން އެތަކެއް ތަކުލީފުތަކާ ކުރިމަތިލާންޖެހޭތީ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، އެއްގަމު ދަތުރުފަތުރުކުރުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރާނެކަމެއް ކަމަށެވެ.
”ރައީސް އަޅުގަނޑުމެންނަށް ދީފައިވާ އިރުޝާދާއެކީގައި މާލެއިން ބޭރުގަ އެއީ އައްޑޫ އަތޮޅުގައި ވެސް މިފަދަ މުހިންމު ޚިދުމަތަކަށް މިހާރު ބޭނުންވެފައިވާތީ އަޅުގަނޑުމެން އެ މަސައްކަތް އެބަ ކުރަމުން ގެންދަން، އިރާދަކުރެއްވިއްޔާ މާލޭގައި މި ޚިދުމަތް އިފްތިތާޙުކުރެވުނު ފެންވަރުގަ ވަރަށް އަވަހަށް މި އަހަރުގެ ތެރޭގައި އައްޑޫ ސިޓީގައި ޓެކްސީ ލައިނެއް ޤާއިމްވެގެންދާނެ،“ – މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މާލޭ ސަރަޙައްދުގައި ސަރުކާރުން ޓެކްސީ ލައިންގެ ޚިދުމަތް ދޭން ފެށީ ޖުމުލަ 150 ކާރާއެކުގައެވެ. މިއީ މެދުނުކެނޑި 24 ގަޑިއިރު ރައްޔިތުންނަށް ދޭ ޚިދުމަތެކެވެ. މި ޚިދުމަތާއެކު މާލޭގެ އެތެރޭގެ ދަތުރުތަކަށް ދިމާވެފައިވާ ޓެކްސީ ނުލިބުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.













