އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު އޮންނަ 3 އިންތިޚާބުގައިވެސް ސަރުކާރާއި އެއްކޮޅަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.
ރައީސް މިފަދައިން އެދިވަޑައިގެންނެވީ މިރޭ ކުރިއަށްދިޔަ ޕީއެންސީ ހަރުގެ ޖަލްސާގައި ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަލިއަޅުއްވާލާ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މީގެ ކުރިން ކައުންސިލް އިންތިޚާބުގައި ވޯޓުލާއިރު 2 ކަރުދާސްކޮޅު ލިބުނު ނަމަވެސް މިފަހަރުގެ އިންތިޚާބުގައި ތަފާތަކީ ވޯޓުލާ މަރުކަޒުން ކޮންމެ ބޭފުޅަކަށްވެސް 3 ކަރުދާސްކޮޅު ލިބިގެންދާދިއުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި 3 ކަރުދާސް ކޮޅުގައިވެސް ފާހަގަޖަހަންވާނީ ސަރުކާރުން އެދޭގޮތަށް ކަމަށެވެ. އަދި އެއީ ޤައުމުގެ ތަރައްޤީއާއި ގުޅިފައިވާ މުހިންމު 3 ވޯޓު ކަމުގައި ރައީސް ވިދާޅުވިއެވެ.
މިފަހަރުގެ އިންތިޚާބުގައި އެއް ވޯޓު ކަރުދާހުގައި ވަނީ މޭޔަރުންނާއި ކައުންސިލަރުން، ދެވަނަ ވޯޓު ކަރުދާހުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން، އަދި 3 ވަނަ ކަރުދާސް ކޮޅުގައި އޮންނާނީ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖްލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ނިންމުން ދެނެގަތުމުގެ ގޮތުން ބޭއްވޭ ފެންނަ ނުފެންނަ ނުވަތަ ރިފެރެންޑަމް ވޯޓު ކަރުދާސްކޮޅެވެ. މި ކަރުދާސްކޮޅުގައި ވަނީ 2 އިންތިޚާބު އެކުއެކީ އެއްދުވަހެއްގައި ބާއްވަން ފެނޭތޯއެވެ. ފާހަގަ ޖަހަން އޮންނަ 2 ގޮޅީގައި ވަނީ އާނއެކޭ އަދި ނޫނެކޭ އެވެ. ރައީސް މުޢިއްޒު އެދިވަޑައިގެންނެވީ އާނއެކޭގައި ހުރިހާ ރައްޔިތުންވެސް ފާހަގަ ޖެއްސެވުމަށެވެ. އަދި އެއާއިއެކު އެކީގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ދެންހުރި ވޯޓު ކަރުދާސް ތަކުގައި ހެޔޮފާހަގަ ޖެއްސެވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ރައީށް ވިދާޅުވީ 3 ކަރުދާސްކޮޅު ހިއްޕަވައިގެން ވަޑައިން 3 ފޮއްޓަށް ވޯޓު ލައްވާއިރު އެމަނިކުފާނު އެދިވަޑައިންނަވާގޮތަށް ގިނަ ރައްޔިތުންގެ ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
”ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ވަރަށް ވަރުގަދަ މަސައްކަތްތަކެއް އަޅުގަނޑުމެން މިކުރަނީ، އަޅުގަނޑުމެންގެ ޕާޓީ މެންބަރުންނާއި ސަޕޯޓަރުން އަދި ޤައުމީ ވިސްނުމުގައި ތިއްބެވި ހުރިހާ ބޭފުޅުން ތިކުރައްވަނީ ވަރަށް ވަރުގަދަ މަސައްކަތްތަކެއް. އަޅުގަނޑުމެންގެ މުސްތަޤުބަލް އިރާދަކުރެއްވިއްޔާ އޮތީ ވަރަށް އުޖާލާކޮށް“ ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި އޮންނަނީ 3 ބާރު ވަކިވެފައި އޮންނަ ނިޒާމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކައުންސިލް ތަކަކީ ވެރިކަންކުރާ ބާރުގެ ފަށަލައެއްކަމަށާއި، އެއީ ސަރުކާރު ޖަވާބުދާރީ ކުރުވަން ހޮވާބައެއް ނޫންކަމަށެވެ. އެހެންކަމުން ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވާން ހޮވަންޖެހޭނީ ސަރުކާރުގެ ކެންޑިޑޭޓުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންނޫންނަމަ ސަރުކާރުން ކައުންސިލްތަކުގެ އެހީގައި ރަށްރަށުގެ ތަރައްޤީއަށްކުރަންފަށާ އެއްވެސް ކަމެއް ކުރިޔަ ނުދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ރައީސް ވަނީ ސިޔާސީ ނަޒަރަކުން މިކަން ތިލަ ކޮށްދެއްވާފައެވެ.
އެގޮތުން ރައީސް ވިދާޅުވީ އިދިކޮޅު ކައުންސިލަކުން ސަރުކާރުން ކުރާކަންކަން ހުއްޓުވާނެ މައިގަނޑު ސަބަބަކީ 2 އަހަރުފަހުން އޮންނަ ރިޔާސީ އިންތިޚާބުގައި ސަރުކާރަށް ނާކާމިޔާބުކޮށް، އިދިކޮޅު ކެންޑިޑޭޓަށް ވާގިވެރިވުމަށް ކަމަށެވެ. އެއީ ކައުންސިލްތަކުން ސަރުކާރަށް ޖެއްސުންކުރުމުން ރަށްރަށަށް ކަމެއްނުކޮށްދެވުނު ކަން ދެއްކުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
”އެހެންވީމާ ކައުންސިލަށް، ޑަބްލިޔުޑީސީއަށް ހޮވަންވީ މި އިންތިޚާބުގަ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭންހުރި ކަންކަމާއި، އަދި ރަށަށް އަންނަންހުރި ތަރައްޤީއަށް އެންމެބޮޑަށް، ފެސިލިޓޭޓްކޮށްދޭ، މަގުފަހިކޮށްދޭނެ ބައެކޭ، އެއީ ހަމަ ޔަޤީނުންވެސް ސަރުކާރުގެ ޕާޓީ ޕީޢެންސީގެ ކެންޑިޑޭޓުން، އެހެންވީމަ އަޅުގަނޑުމެންގެ ހުރިހާ ކައުންސިލް ކެންޑިޑޭޓުންނަށް، ހުރިހާ ޑަބްލިޔުޑީސީ ކެންޑިޑޭޓުން، ދިވެހިލޮބުވެތި ރައްޔިތުން 4 އޭޕްރީލްގައި ހޮވާދެއްވާ، ހަމަ ޔަޤީނުންވެސް އޭގެ ނަތީޖާ ރަނގަޅުވާނެ“ ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އަމިއްލަ އެދުމަށް ވުރެ، އަމިއްލަ ރަށާއި، ޤައުމުއިސްކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
މިއާއިއެކު ފެންނަ ނުފެންނަ ވޯޓަށް އަލިއަޅުއްވާލާ ރައީސް ވަނީ އެދުވަހު އޮންނަ ވޯޓުގައި 2 އިންތިޚާބު އެއްދުވަހަކު ބާއްވަން އާނއެކޭ ބުނެ ސަރުކާރުން އެދޭގޮތަށް ވޯޓުކަރުދާހުގައި ފާހަގަ ޖައްސަވައިދިނުމަށް އެދިވަޑައިގަންނަވާފައެވެ. މިއީވެސް ޤައުމީ ވިސްނުމެއްގައި ވޯޓުލާންޖެހޭ ކަރުދާސްކޮޅެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ މިނިވަން އަދި ހަމަހަމަ އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ސުޕަމެޖޯރިޓީގެ ނިޒާމް ނެތިކޮށްލާ ވަކިބަޔަކަށް މަޖްލީސް އެއްކޮށް ލިބިގެން ނުދާނީވެސް މި ގޮތަށް އިންތިޚާބު ބޭއްވިގެން ކަމަށް ރަޢީސް ވިދާޅުވިއެވެ. އަދި ޗެކް އެންޑް ބެލެންސްޑް ނިޒާމެއް ޤާއިމުވެގެން ދާނީވެސް ހުރިހާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބިގެން ދިއުމުން ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތަށް ނިންމަން ސަރުކާރުން ބޭނުންވަނީ އަމިއްލަ އެދުމަށްވުރެ ޤައުމު އިސްކުރުމުގެ ހެޔޮ ނިިޔަތުުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.












